އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމަށް އަހުމަދު ޝަކީބް އައްޔަންކޮށްފިއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސީނިއާ ވައިސްޕްރެޒިޑެންޓް ކަމުގެ މަޤާމްގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ މެމްބަރ ހުސެއިން މުހައްމަދު ލަތީފް އިސްތިޢުފާ ދެއްވުމުން އެމަޤާމަށް އަހުމަދު ޝަކީބް އައްޔަންކޮށްފައިވާކަމަށާއި، އަންނަ މަހު ފަހުކޮޅު ބާއްވާ ކޮންގްރެސްއިން ޝަކީބުއަށް ރުހުން ދިނުން އޮންނާނެ ކަމަށެވެ.
ޤައުމީ ޓީމްގެ ފިޒީޝަނެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތްކޮށްފައިވާ އަހުމަދު ޝަކީބް އެންމެ ފަހުން ހުރީ ފީފާއިން އެކުލަވާލި އެފްއޭއެމްގެ ނޯމަލައިޒޭން ކޮމިޓީގެ ވައިސް ޗެއާމަންގެ މަޤާމުގައެވެ. ބައްސާމް ވިދާޅުވީ ސީނިއާ ވައިސް ޕްރެޒިޑެންޓްކަމުން ރައްޔިތުންގެ މަޖިލީގުގެ ފަރެސްމާތޮޑާ މެމްބަރ ހުސެއިން މުހައްމަދު ލަތީފް އިސްތިޢުފާ ދެއްވީ ކުރިންވެސް އެއްބަސްވެފައިވާ ގޮތުގެ މަތިން ސިޔާސީ ބޭފުޅުން އެފްއޭއެމްއާ ދުރުވުމަށް ކަމަށެވެ.
" ޝަކީބަށް ކޮންގްރެސްގެ ރުހުން ލިބެންދެން ސީނިއާ ވައިސް ޕްރެޒިޑެންޓްގެ ޒިންމާ މިހާރުން ފެށިގެން ގެންދާނީ އަދާ ކުރަމުން. މި ބަލަނީ މިމަހު ފަހުކޮޅު ކޮންގްރެސް ބޭއްވުމަށް" ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމްއަށް ހޮވިވަޑައިގަތް ސިޔާސީ ބޭފުޅުން އެމަޤާމްތަކަށް އައުމުގެ ކުރިންވެސް ފުޓްބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ގުޅުންހުރި ފަރާތްތަކަށް އެފުރުސަތު ދެއްވުމަށް އެކަހެރިވެ ވަޑައިގަންނަވާނެ ވާހަކަ ވިދާޅުވި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.