ކުޅިވަރު

ސުޒޭން މިއަހަރު ބެންޗަކުން ފެންނާނެބާ!


ފާއިތުވި އަހަރުތަކަށްބަލާއިރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދިވެހި ކޯޗަކީ ކޮބައިތޯއެވެ؟ ރާއްޖޭގެ އެންމެ ކާމިޔާބު ދިވެހި ކޯޗަކީ ކޮބައިތޯއެވެ؟ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ކައްކުވާލާ ބަސްތައް ބުނާ އެންމެ ޖެހިލުން ކުޑަ ކޯޗަކީ ކޮބައިތޯއެވެ؟ މިސުވާލުތަކުގެ ޖަވާބަކީ އަލީ ސުޒޭނެވެ. މިކަމާއި ދެބަސްވާނެ މީހުންގެ އަދަދު ގިނަވާނެކަމަކަށް ނުބެލެވެއެވެ.

ވިކްޓްރީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، އެފްއޭއެމްގެ ރައީސްކަމަށް އިލްހާމް އަހުމަދު ގެންނަން ކުރެއްވި މަސައްކަތްތަކަށްފަހު އޭނާ ކޯޗިންގ ގޮނޑިން ގެއްލުނީ އެފްއޭއެމްގެ އެތެރޭގައި މަސައްކަތްކުރުމަށެވެ. އޭގެފަހުން އޭނާ މާޒިޔާެއާއި ހަވާލުވީ ސީޒަނެއްގެ މެދުތެރެއިންނެވެ. އެފްއޭއެމްގެ ހިންގުމާއި މެދު ސުވާލުތައް އުފެދި، އެތެރޭގެ ގުޅުން ހީނަރުވެފައިވަނިކޮށް މާޒިޔާގެ ބެންޗަށް ދިޔައީ ކޯޗު އިސްމާއީލް މަހުފޫޒް އިސްތިއުފާ ދިނުމުން، މާޒިޔާއިން ހުށައެޅި ހުށައެޅުމަށް އެއްބަސްވެއެވެ. ފާއިތުވި ދެ އަހަރު މާޒިޔާގެ ކޯޗެއްގެ ގޮތުގައި އެކްލަބަށް އެފްއޭކަޕާއި، ޕްރެޒިޑެންޓްކަޕާއި، ލީގުގެ އިތުރުން ޗެރިޓީ ޝީލްޑް ހޯދައިދީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި އެކްލަބްގެ ތާރީޚުން އޭނާ ވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް ނިމިގެން ދިޔަ ސީޒަނަށްފަހު މަޤާމުން އިސްތިއުފާ ދިނީ ސީޒަން ފެށުމުގެ ކުރިން އޭނާ ކަނޑައެޅި ޓާގެޓަށް ވާޞިލް ނުވެވުމުންނެވެ. ވަރުގަދަ ސްކޮޑެއް އޮތް މާޒިޔާއާއެކު ސުޒޭންގެ އަމާޒަކަށްވީ މުޅި ސީޒަން ކާމިޔާބުކުރުމެވެ. ނަމަވެސް ކާމިޔާބުކުރެވުނީ ލީގެވެ. ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕްގެ ފައިނަލަށް ނުދެވުމުން ސުޒޭންގެ ކާމިޔާބީއާއި މެދުވެސް ބައެއް ފަރާތްތަކުން ސުވާލުއުފެއްދިއެވެ. 

img:http://s4.psmnews.mv/images/660x400/14835071050595.jpg|ސުޒޭން ( ކ ) އަޝްފާޤް މާޒިޔާއަށް ސޮއިކުރި ބައްދަލުވުމުގައި: ފޮޓޯ-ޕީއެސްއެމް

އަލީ ސުޒޭން މަޤާމުން އިސްތިއުފާ ދިނުމުން މާޒިޔާއިން އެވަނީ އެކްލަބްގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗެއް ގެންނަން ނިންމައި، އެކަން އިއުލާންކޮށްފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ 2017 ވަނަ އަހަރުގެ ސީޒަންގައި ކޯޗު އަލީ ސުޒޭން ހުންނާނީ ކޮންތާކުތޯއެވެ؟ އެއްވެސް ޓީމެއްގެ ބެންޗުން ފެނިދާނެތޯއެވެ؟ ޖަވާބަށް ވިސްނާއިރު މާޒިޔާއިން ކޯޗެއް ކަނޑައަޅައިފިއެވެ. ލީގުގެ ދެވަނަ ޓީސީން ކޯޗު މުޙަންމަދު ނިޒާމްއާއެކު އެއްބަސްވުން އާކޮށްފިއެވެ. ސުޒޭންގެ ގެ ވިކްޓްރީގެ ކޯޗަކަށް ބީޖީގެ ކޯޗު މުޙައްމަދު ޝާޒްލީ ހަމަޖެއްސިކަމަށް ވަނީ ރިޕޯރޓްކޮށްފައެވެ. ނިއުރޭޑިއަންޓްގެ ކޯޗުކަމަކީ ސުޒޭން ބޭނުންވާ ޤަބޫލުވެސް ކުރާނެ މަޤާމެއް ނޫންކަން މާކުރިންވެސް ވަނީ ހާމަކޮށްފައެވެ، އަދި ނިއުއިންވެސް ސުޒޭނާ ދިމާލަށް ދާނެކަމަށް ނުބެލެވެއެވެ. ނިއުއިން ވަނީ ބިދޭސީ ކޯޗެއް ގެންނާނެކަން ހާމަކޮށްފައެވެ. އީގަލްސްއިން އަބަދުވެސް ބުނަނީ އެމީހުން އިސްކަންދޭނީ ޓީމް ބިނާކޮށްދިން އިހުސާން އަބުދުލްޣަނީ ( ސާންތި ) އަށް ކަމަށެވެ. ސާންތިވެސް ބުނެފައިވަނީ އޭނާގެ އެއްވަނަ ހޮވުމަކީ އީގަލްސްކަމަށެވެ. މުޙަންމަދު އާތިފް ވަނީ ޔުނައިޓެޑް ވިކްޓްރީއާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަންގައި ޔޫވީގެ ކޯޗަކީ އާތިފްކަން މިހާތަނަށް ކަށަވަރެއް ނޫނެވެ. ކްލަބް ވެލެންސިޔާ އޮތީ ހިމޭނުންނެވެ. ވެލެންސިޔާއިން ބިދޭސީ ކޯޗެއް ގެންނާނެކަމުގެ ވާހަކަތަކެއް ފެންމަތިވި ނަމަވެސް އާސީޒަނަށް ތައްޔާރުވުމުގައި ވެލެންސިޔާ އަދި ފެންނަނީ މަޑުޖެހިފައި އޮތްތަނެވެ. ވެލެންސިޔާގެ ކޯޗިންގ ޓީމްވެސް އަދި އެބައޮތެވެ. ފުރަތަމަ ޑިވިޝަނުން އަލަށް ޖާގަ ހޯދި ގްރީން ސްޓްރީޓް ނިކުންނާނީ ޞަބާހު މުޙައްމަދާއެކުގައެވެ. އެހެންކަމުން ކޯޗު އަލީ ސުޒޭން ބެންޗަކުން ފެނުމުގެ ފުރުޞަތު ހަނިކަމުގައި ބެލެވެން އެބައޮތެވެ. ނަވަމެސް ސުޒޭން ބުނީ އެފުރުޞަތު އަދި ނުގެއްލޭކަމަށެވެ.

" އަދި ހަމަ މަޑުކޮށްލައިގެން މިހުންނަނީ " އޭނާގެ ޖަވާބަކީ މިއީއެވެ. ޓީމަކުން ފެނިދާނެތޯ އެހުމުންވެސް ސުޒޭން ބުނީ އެފުރުޞަތު އެބައޮތްކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14835065781627.JPG|ނޫސްވެރިންގެ ބައްދަލުވުންތަކަށް އެންމެ ބަރާބަރު ކޯޗަކީވެސް ސުޒޭން: ފޮޓޯ-ޕީއެސްއެމް

ސުޒޭން ފެނުމާއި ނުފެނުމަށްވުރެ ބޮޑީ ދިވެހި ފުޓްބޯޅައިގެ ފޯރު ގަދަކުރަން މަސައްކަތް ފަށާ ދަނޑިވަޅެއްގައި އެފޯރި ގެނައުމުގައި މުޙިންމު ފަރާތެއް ނެތުމެވެ. ދިވެހި ފުޓްބޯޅަ ފޯރިގަދަކުރަން މަސައްކަތްކުރާއިރު ސުޒޭން ބެންޗެއްގައި އިނުމަކީ މުހިންމުކަމެއްކަމަށް ފުޓްބޯޅަ އާއިލާގެ ގިނަބަޔަކު ދެކެއެވެ. އޭނާގެ ބަސްމަގާއި، އިދިކޮޅު ކޯޗުންނަށް ފޮނުވާލާ ހަމަލާތަކާއި، އަމާޒުވާ ފާޑުކިއުންތަކަށްދޭ ރައްދާއި، އޭނާގެ ނުފޫޒަކީ ދިވެހި ފުޓްބޯޅައިގެ ފޯރި ގެންނަން ކުރާ މަސައްކަތުގައި މުޙިންމުކަކަމެވެ. 

" ސުޒޭނަކީ މިހާރު އުޅޭ ދިވެހި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު ކޯޗު. ފުޓްބޯޅަ ފޯރި ގަދަކުރުމަށް ޕްރެސް ތަކުގައި އޭނާ ދައްކާ ވާހަކައަކީ އޭގެ ސަބަބުން ދަނޑަށް މީހުން ދާ ކަންތައްތަކެއް. އެހެންވީމަ އޭނަކަހަލަ ކޯޗަކު ބެންޗުން ނުފެނުމަކީ ފުޓްބޯޅައިގެ ފޯރި ކުޑަވެގެންދާނެކަމެއް " ފުޓްބޯޅަ ޚަބަރުތައް ކަވަރުކުރުމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ އެއް ނޫސްވެރިޔާ ޝިމާޒް އަލީގެ ނަޒަރުގައިވެސް ސުޒޭން ބެންޗުން ފެނުން މުޙިންމެވެ.

ސުޒޭނަކީ އެންމެ ޤަވާއިދުން ޕްރެސްކޮންފަރެންސްތަކަށް ހާޒިރުވާ ހެޑްކޯޗެވެ. އަދި ޓީވީ، ރޭޑިއޯ ޕްރްގްރާމްތަކަށްވެސް އެންމެ ބޮޑު އެއްބާރުލުމެއްދޭ ކޯޗަކީ އަލީ ސުޒޭނެވެ. 

" ސުޒޭން ބެންޗުގައި ނެތުމަކީ ވަރަށްބޮޑު އުނިކަމެއް. ޚާއްޞަކޮށް ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ ޓީމެއްގެ ބެންޗުގައި ސުޒޭން ނެތުމަކީ ބޮޑު އުނިކަމެއް. އެއީ ނިއުރޭޑިއަންޓްގެ ޕްރެޝަރވެސް ކުޑަވާނެކަމެއް. " ޤަވާއިދުން މެޗުތައް ބަލަންދާ ކޯޗު މުޙައްމަދު ޝާހިދުގެ ނަޒަރުގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބްގެ ސަޕޯޓަރުން ކައްކުވާލަންވެސް ސުޒޭން ބެންޗުގައި އިންނަން ޖެހެއެވެ.

ފެންނަ މަންޒަރުތަކަށްބަލާއިރު ސުޒޭން ބެންޗަކުން ފެނުމުގެ ފުރުޞަތު ކުޑަނަމަވެސް، ދިވެހި ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް ކުރީ ސަފުގައި މަސައްކަތްކުރެވޭ ހިސާބުގައި އޭނާ ހުރުމަކީ މުޙިންމުކަމެކެވެ. ދިވެހި ފުޓްބޯޅަ ފޯރި ގެނައުމުގައި ސުޒޭންފަދަ ކޯޗުންގެ ދައުރު ނުހަނު ބޮޑެވެ.