ކުޅިވަރު

ޅ.ކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި


ޅ.ކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. 

ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކޮންމެ ރަށެއްގައި ކުޅިވަރު އެރީނާ ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ޅ ކުރެންދޫ ފުޓްސަލް ދަނޑުގެ އަމަލީ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ސްޕޯޓްސް އެރީނާގައި ހިމެނޭ ބަށި ކޯޓާ، ނެޓްބޯޅަ ކޯޓުގެ އިތުރުން ވޮލީ ކޯޓުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ނިމިފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން ހާމަކުރެއެވެ. މީގެ އިތުރުން ޒުވާނުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް ޖުމްލަ 2.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ޔޫތު މިނިސްޓްރީއިން ހާމަކުރެއެވެ. 

ކުޅިވަރާ ބެހޭ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ހުސެއިން އަމީން ވިދާޅުވީ މިހާރުވެސް އަށްޑިހަ ރަށުގައި ސްޕޯޓްސް އެރީނާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި މިއަހަރު ތެރޭ އިތުރު އަށާރަ ރަށުގައި ސްޕޯޓްސް އެރީނާ ޤާއިމް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. 

" އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސްޕޯޓްސް އެރީނާގެ މަސައްކަތް ފެށުން" އަމީން ވިދާޅުވިއެވެ.

ސަރުކާރުން މިހާރު އަލަށް ހަދަމުންދާ ފުޓްސަލް ދަނޑުތަކުގައި މެޓުގެ ބަދަލުގައި ބޭނުން ކުރަމުންދަނީ ޓަރފްކަން ފަހަގަކޮށްލެވެއެވެ.