ދައުލަތަށް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 14.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާއްމުކުރައްވާފައިވާ ހުސްވި ޑިސެމްބަރުމަހުގެ ދައުލަތުގެ ޓެކްސް އާމްދަނީ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، 1.46 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2015 ވަނަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ 13.05 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 6.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 ވަނަ އަހަރު މިއަދަދު އުޅެނީ 6.05 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ސިނާއަތުންނެވެ. ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު، 250 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 3.9 ބިލިއަން ރުފިޔާއެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އާއްމު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 2.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޖީއެސްޓީ ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ހުސްވި އަހަރު ދައުލަތަށް އާމްދަނީ ލިބިފައިވަނީ، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީގެ އިތުރުން، ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުގެ ކުލިންނެވެ.
ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާއިރު މި މުއްދަތުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުގެ ކުލީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން ހާމަކުރައްވާފައިވާ މިދިޔަ އަހަރުގެ ދައުލަތުގެ ޓެކްސް އާމްދަނީއަށް ބަލާއިރު، ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީގެ އަދަދަކީ 572.9 މިލިއަން ޑޮލަރެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، 10 އިންސައްތައިގެ އިތުރުވުމެކެވެ. 2015 ވަނަ އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 518 މިލިއަނެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ އަހަރެއްކަމުން މިހިނގާ 2017 ވަނަ އަހަރު ދައުލަތަށް ޑޮލަރުން ލިބޭނެ އާމްދަނީ އިތުރުވެގެންދާނޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.