ކުޅިވަރު

ނިއުރޭޑިއަންޓްގެ ޕްރީ ސީޒަން ލޯންޗިންގއާއި، ޕްރެކްޓިސް މާދަމާ


ދަށް ސީޒަނަކަށްފަހު މިއަހަރުގެ ސީޒަނަށް ރަނގަޅު ސްކޮޑެއް އެކުލަވާލާ، ފޯރީގައި ތައްޔާރުވަމުން އަންނަ ނިއުރޭޑިއަންޓް އާ ސީޒަނަށް ލޯންޗްކޮށް ޕްރެކްޓިސް ފެށުންވެސް މާދަމާ އޮންނާނެކަމަށް އެކްލަބުން ބުނެފިއެވެ.

ސީޒަނަށް ސްކޮޑް ފައިނަލްކޮށް ލޯންޗްކުރުން އޮންނާނީ މާދަމާ ހެނދުނު 12:00 ގައި ސޯލްޓް ކެފޭ ރެސްޓޯރަންޓްގައެވެ. އެބައްދަލުވުމުގައި ސްކޮޑް އިއުލާންކޮށް، ކިޓް ހަވާލުކުރާނެކަމަށް ނިއުރޭޑިއަންޓްގެ ޖެނެރަލްސެކެޓްރީ އަހުމަދު ނިޔާޒު ވިދާޅުވިއެވެ. މީގެއިތުރުން ބައެއްކަހަލަ ސޮއިކުރުންތައް އޮންނާނެކަމަށް ނިއުއިން މައުލޫމާތުދެއެވެ. ޓީމް އޮފިޝަލުން ހަމަޖައްސައި އެކަން އިއުލާންކުރާނީވެސް މިބައްދަލުވުމުގައެވެ. ބައްދަލުވުމުގައި ކްލަބްގެ ޗެއަރމަން މުޙައްމަދު ޒިޔާދު ވާހަކަދައްކަވާނެއެވެ.

ނިއުރޭޑިއަންޓްގެ ޕްރެކްޓިސް ފަށާނީ މާދަމާ ހަވީރު 16:00 ގައި ޓާފް ދަނޑުގައެވެ. ނިއު ޕްރެކްޓިސް ފަށާއިރު އެކްލަބަށް ގެންނަން ނިންމި ބިދޭސީ ހަތަރު ކުޅުންތެރިންނާއި، ބިދޭސީ ކޯޗާއި ފިޓްނަސް ކޯޗުވެސް ވަނީ މާލެ އައިސްފައެވެ. ނިއުއަށް ގެނައި ބިދޭސީ ކުޅުންތެރިންނާއި ކޯޗާއި، ފިޓްނަސް ކޯޗަކީވެސް ރާއްޖެއަށް އާ ކުޅުންތެރިންނެވެ. ނަމަވެސް ބިދޭސީ ފޯވާޑް ރާއްޖޭގެ މާޒިޔާއާއި ދެކޮޅަށް އޭއެފްސީކަޕް ޕްލޭ އޯފްގައި ކުޅެފައިވެއެވެ. ނިއުއާއި އަލަށް ގުޅުނު މުޙިންމު ކުޅުންތެރިންނަކީ އަލީ ފާސިރު ( ސެންޓޭ ) އާއި، ކީޕަރު އިމްރާން މުޙައްމަދާއި، އަހުމަދު އަބުދުﷲ ( ލިލީ ) އާއި އަކްރަމް އަބުދުލްޣަނީއެވެ. މީގެއިތުރުން ކީޕަރު ޒިޔަޒަންއާއި އަތޮޅުތެރެއިން ބައެއް ކުޅުންތެރިން ކްލަބާ ވަނީ ގުޅިފައެވެ.

އާސީޒަނަށް ތައްޔާރުވުމަށް މިހާތަނަށް ޕްރެކްޓިސް ފަށާފައިވަނީ މާޒިޔާއާއި އީގަލްސް އަދި ޓީސީއެވެ. ވެލެންސިޔާއިން ވަނީ ސީނިއަރ ކުޅުންތެރިން ނުހިމަނައި ޖޫނިއަރ ކުޅުންތެރިންނާއެކު ޕްރެކްޓިސް ފަށާފައެވެ. ޓީސީގެ ޕްރެކްޓިސް ފެށީ މިއަދު ހެނދުނުއެވެ. ވިކްޓްރީގެ ޕްރެކްޓިސް މިއަދު ހަވީރު ފަށާނެއެވެ.