ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޜަނަށް ނުކުންނަ ފުރަތަމަ ސީޒަނުގައި ބޭނުންވަނީ ރަނގަޅު ބިންގަލެއް އަޅަންކަމަށް ކޯޗް ސޮބާހު މުޙައްމަދު ބުނެފި އެވެ.
ފުރަތަމަ ޑިވިޜަނަށް އަލަށް ނުކުންނަ ގްރީން ސްޓްރީޓް ވަނީ އިއްޔެ އެ ޓީމްގެ ފަރިތަކުރުންތަށް ފަށާފަ އެވެ. ޓީމްގެ ފުރަތަމަ ތަމްރީންތަކަށްފަހު "ޕީ.އެސް.އެމް ނިއުސް"އާއި ވާހަކަދައްކަމުން ކޯޗް ސޮބާހް މުޙައްމަދު ބުނީ ޓީމަކީ އާ ޓީމަކަށްވާތީ ފުރަތަމަ ކަމަކަށް ބަލާނީ މި ސީޒަނުގައި ރަނގަޅު ބިންގަލެއް އަޅާ ފުރަތަމަ ޑިވިޜަނުގައި ހިފަހައްޓާލުމަށްކަމަށެވެ. އަދި އެއާއެކު ޓީމުގެ ޓާގެޓާކީ ގަދަ ހަތަރަކަށް ވާދަކުރުންކަމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
"ވަރަށް ބޮޑު ޗެލެންޖަކަށް މި ނުކުންނަނީ. ފަސޭހަކަމަކަށް ނުވާނެ" ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓް ޓީމުގައި ޒުވާން އާ ކުޅުންތެރިން ގިނައިރު ޓީމަށް ވަނީ ތަޖުރިބާކާރު ކުޅުންތެރިންވެސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ ޑިވިޜަންގެ ތަޖުރިބާ ހުރި ކުޅުންތެރިންކަމަށްވާ ފަރުހާދް އިސްމާއިލް(ފަރޭ)، އަޙުމަދު ރަޝީދު(އައްމަޑޭ)، އަޙުމަދު މުޙައްމަދު އަދި މުޙައްމަދު ޝައްފާޒް ފާހަގަކޮށްލެވެއެވެ.
"ޓިމުގައި ތަޖުރިބާހުރި، ދަނޑުމަތީގައި ލީޑްކުރާނެ ކުޅުންތެރިން ތިބޭނަމަ ވަރަށް ފަސޭހަވާނެ" ސޮބާ ބުންޏެވެ.
img:http://s3.psmnews.mv/images/660x400/14846346228452.jpg|ޞަބާ ޓީމްގެ ކުޅުންތެރިންނަށް އިރުޝާދުދެނީ: ފޮޓޯ-ޕީއެސްއެމް ( އަލީ ނަސީރު )
ސޮބާ ބުނީ ޓީމަށް ކުޅުންތެރިން ގެނައުމުގައި ބޮޑަށް ބެލީ ކޮމިޓްމެންޓް ލެވެލް މަތި އަދި ޑިސިޕްލިން ކުޅުންތެރިން ގެނައުމަށްކަމަށެވެ.
ޓީމަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ކީޕަރަކަށް ގެންނަނީ މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓްގެ ގޯލް ބެލެހެއްޓި ޖަޕާންގެ ކީޕަރު ޔުން ކޮޗީ އެވެ. އޭގެ އިތުރުން ދެން ގެންނަނީ ޔޫކްރޭންގެ ޑިފެންޑަރަކާއި، މިޑްފީލްޑަރެއްގެ އިތުރުން ހަމަ އެޤައުމުގެ ފޯވާޑެކެވެ. ސޮބާ ގަބޫލްކުރަނީ އެ ކުޅުންތެރިން ރާއްޖޭގައި ތަފާތު ދައްކާނެކަމަށެވެ. އަދި ކުޅުންތެރިން ގެންނައިރުވެސް ބެލީ ހުރިހާ ޑިޕާޓްމެންޓެއްވެސް ވަރުގަދަކުރުމަށްކަމަށް ސޮބާ ބުންޏެވެ.
ޓީމުގެ ލިމިޓެޑް ބަޖެޓާއެކު އެކުލަވާލެވުނު ޓީމާމެދު ސޮބާ ހުރީ ހިތްހަމަޖެހިފަ އެވެ.
މި ސީޒަނުގައި ގިނަ ޓީމްތަށް ވަރުގަދަކޮށްފައިވާއިރު އެއްވެސް ޓީމަކަށް މި ސީޒަނުގައި ފަސޭހަ ނުވާނެކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ގަބޫލްކުރެއެވެ.
"ނުބުނާނަން އެއްވެސް ޓީމަކަށް ހުރިހާ ތައްޓެއް ނެގޭނެއެކޭ، ނޫނީ ފަސޭހަވާނެޔޭވެސް. ޓަފް ސީޒަނަކަށްވާނެ" ސޮބާ ހިޔާލުފާޅުކުރިއެވެ.