ޗެލްސީގެ ޑިއޭގޯ ކޯސްޓާ އެކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ޗެލްސީ ދޫކޮށް ޗައިނާ ލީގަށް ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވާ ޑިއޭގޯ ކޯސްޓާ އެކްބްގެ ފުރިހަމަ ފަރިތަކުރުންތަކުގައި މިއަދު ވަނީ ބައިވެރިވެފައެވެ. ޗައިނާ ލީގުން ބޮޑު ހުށަހެޅުމެއް ކޯސްޓާއަށް ލިބުނުއިރު އެންމެ ފަހުން ޗެލްސީ ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި ކޯޗް ކޮންޓޭގެ ސްކޮޑްގައި ކޯސްޓާ ހިމަނާފައެއްނުވެއެވެ. އެމެޗަށްފަހު ކޯޗް ކޮންޓޭ ބުނީ ޑިއޭގޯ ކޯސްޓާ ސްކޮޑްގައި ނުހިމެނީ އޭނާގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެދުވަހުގެ ސްކޮޑަށް ކޯސްޓާ ނުނެގީ ކޯސްޓާ ކްލަބް ދޫކޮށް ދާން ބޭނުންވެ އެކަން ވަކި ގޮތަކަށް ހަމަނުޖެހި އޮތުމުގެ ސަބަބުންނެވެ. ބޮޑު މުސާރައާއެކު ޑިއޭގޯ ކޯސްޓާއަށް ޗައިނާ ލީގުގެ ޓިއަންޖިން އިން ހުށަހެޅުމެއް ލިބުނުއިރު ޗެލްސީއިން ނިންމީ މިސީޒަނުގައި ކޯސްޓާ ވިއްކާ ނުލުމަށެވެ. ކޯސްޓާ ވަނީ މިސީޒަނުގައި ޗެލްސީއަށް 14 ގޯލް ޖަހާފައެވެ. އަދި ޗެލްސީ ތާވަލްގެ އެއްވަނައަށް ގެންދިއުމުގައި ކޯސްޓާގެ ދަޢުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ޗެލްސީއާ ހަލްސިޓީ ވާދަކުރާ މެޗްގައި ޑިއޭގޯ ކޯސްޓާ ކުޅުމުގެ ފުރުސަތު ބޮޑެވެ.