ސެންޓްރަލް ޒޯން ވޮލީމުބާރާތުގެ ކޮލިފިކޭޝަންއަށް ދިވެހި އަންހެން ޓީމްއޮތީ ވަރަށް ވެވުނު އެންމެ ފުރިހަމަޔަކަށް ތައްޔާރުވެކަމަށް ޤައުމީ ވޮލީ ތީމްގެ ކޯޗް އަޙްމަދު އަދީލް ބުނެފިއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ޓީމްގެ ކޯޗްބުނީ ދިވެހި ޓީމް ނިކުންނަން ޖެހެނީ ވަރުގަދަ ޓީމްތަކަކާ ދެކޮޅަށް ކަމަށެވެ. އޭގެތެރެއިންވެސް އިރާނަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ޤައުމެއްކަމަށެވެ. އިރާންގެ އަންހެން ވޮލީޓީމަކީ އިސްކޮޅުން ދިގު ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން ތިބި ޓީމެއްކަމަށް ކޯޗް އަދީލްބުންޏެވެ.
" އަޅުގަނޑުމެން ޓީމް އޮތީ މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެފައި. މުބާރާތުގައި ރާއްޖެ ވާދަކުރަންޖެހޭ ދެޓީމަކީ ވަރުގަދަ ދެޓީމް. ޚާއްސަކޮށް އިރާން ފާހަގަކޮށްލަންޖެހޭ. ދާދިފަހުން ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗަކުންވެސް އިރާންވަނީ ސެޓެއް ކާމިޔާބުކޮށްފަ. މީގެންވެސް އެނގެނީ އިރާންގެ ވަރުގަދަކަން. އެހެންނަމަވެސް ދިވހި ޓީމް ނިކުންނާނީ ރަނގަޅު ފައިޓެއް ދޭން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. ދިވެހިން ހިތްހަމަޖެހޭފަދަ ނަތީޖާއެއް ނެރެވޭތޯ ވަރަށް މަސައްކަތް ކުރާނަން. ހުރިހާ ސަޕޯޓަރުންވެސް ޓީމަށް ހިތްވަރު ދެއްވުމުގައި ތިއްބެވުމަށް އަޅުގަނޑު ގޮވާލަން. " ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކޯޗް އަދީލް ބުންޏެވެ.
މިމުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމްގެ ކެޕްޓަން ޢާއިޝަތު ޝައްފައާއި ވައިސް ކެޕްޓަން ޢާއިޝަތު މާޖިދާގެ އިތުރުން ޝައުފާ އާދަމްބުނީ އަމިއްލަ ފަސްގަނޑުގައި މިފަދަ މުބާރާތެއް ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިމުބާރާތުގައި ދިވެހިން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދެއްކުމަށް ހުރިހާ ކުޅުންތެރިންވެސް ކެތްމަދުވެފައިވާކަމަށެވެ.