އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންތޮއިން ގްރީޒްމަން މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިއުމަށް އެކްލަބުން މަސައްކަތް ފަށައިފިއެވެ.
22 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ދުރާލާ ވާހަކަތައް ފަށާފައިވާއިރު މިއަހަރުގެ ޖުލައި މަހު ގްރީޒްމަންގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިސީޒަނަށްފަހު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޯޗް މޮރީނިއޯ ވަނީ ނިންމާފަ. އެގޮތުން މިހާރުވެސް ޔުނައިޓެޑުން ވަނީ ދެކުޅުންތެރިއަކު ދޫކޮށްލާފަ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ގްރީޒްމަން ހޯދުމަށް ޔުނައިޓެޑުން ޖެހޭނީ ރެކޯޑް އަދަދެއް ހޭދަކުރާށެވެ. އެތުލެޓިކޯ މެޑްރިޑުން ގްރީޒްމަން ވިއްކާނެ ކަމަށް ބެލެވެނީ 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ކަމަށް އެކްލަބުން ބުނެއެވެ. ގްރީޒްމަން ހޯދުމަށް ސްޕެއިންގެ ދެބާރު ކަމަށްވާ ބާސެލޯނާ އަދި ރެއާލްމެޑްރިޑުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިނގިރޭސި ބައެއް ނޫސްތަކުން މިހާރު ބުނަމުން ދަނީ ގްރީޒްމަންގެ ޓްރާންސްފާ ފީއަކާ މެދު އެތުލެޓިކޯއާ މެންޗެސްޓަރ ޔުނައިޓެޑާ މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
ކުޅުންތެރިން ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން ފަހަކަށް އައިސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕޮގްބާ ޔުވެންޓާސްއިން ޔުނައިޓެޑާ ގުޅުނީ 89 މިލިއަން ޕައުންޑަށެވެ. ފްރާންސްގެ ދެކުޅުންތެރިން ކަމަށްވާ ޕޮގްބާ އަދި ގްރީޒްމަން ކްލަބް ލެވެލްގައިވެސް އެއް ކްލަބަކަށް ކުޅުމުގެ ފުރުސަތު ބޮޑުކަމަށް މިހާރު މިވަނީ ބެލެވިފައެވެ.
އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީ ބުނީ ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ގްރީޒްމަން ހޯދަން އުޅޭކަން އިނގޭ ކަމަށާއި އަދި އެކަމާ ހައިރާން ނުވާ ކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކު ކްލަބްގައި ހިފަހައްޓަށް މަސައްކަތް ނުކުރާނެކަމަށްވެސް ސިމިއޯނީ ބުންޏެވެ.
" ގްރީޒްމަންއަށް އަންނަ ހުށަހެޅުންތައް އަހަންނަށް އިނގޭ. އޭނާ ހޯދަން މަސައްކަތް ކުރަނީ އޭނާ ގަނެވޭވަރުގެ ކްލަބްތަކުން. އެކަމާ ހައިރާނެ ނުވޭ" ކޯޗް ޑިއޭގޯ ސިމިއޯނީ ބުންޏެވެ.
ގްރީޒްމަންއަކީ މިދިޔަ ތިން ސީޒަނުގައިވެސް އެތުލެޓިކޯ މެޑްރިޑުގައި ތަފާތު ދެއްކި ކުޅުންތެރިއެކެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގާ ލީގުގައި އެތުލެޓިކޯ މެޑްރިޑް މޮޅު ކޮށްދިނުމުގައި ގްރީޒްމަންގެ ދަޢުރުބޮޑެވެ. ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާއަށް މިފަހަރު ރޮނާލްޑޯއާ މެސީގެ ފަހަތުން ވާދަކުރީވެސް ގްރީޒްމަންއެވެ.
ރެކޯޑް އަގެއްގައި ގްރީޒްމަން ޔުނައިޓެޑަށް ބަދަލުވާނެކަމަށް މީޑިއޯ ރިޕޯޓްތައް ބުނަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކްލަބަކީވެސް މެންޗެސްޓަރ ޔުނައިޓެޑެވެ.