ވިޔަފާރި

އެމްޓީސީސީގެ ޙިއްޞާގެ މުޢާމަލާތްތަކުގެ އަގު މައްޗަށް


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްޓީސީސީގެ ޙިއްޞާގެ މުޢާމަލާތްތަކުގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށްހިނގައްޖެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މުޢާމަލާތްތަކަށް ބަލާއިރު، ހިއްސާގެ ބާޒާރުގައި މީގެ ކުރީގެ ހަފްތާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޚިއްސާ ގަތުމަށްހުށަހެޅި އެންމެ މަތީ އަގަކީ 210 ރުފިޔާއެވެ. ނަމަވެސް ހުސްވިހަފްތާގައި އެމްޓީސީސީގެ ހިއްސާގެ އަގު ވަނީ 250 ރުފިޔާއަށް މައްޗަށްގޮސްފައެވެ.

ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ޚިއްސާގެ މުއާމަލާތްތަކުގެ އަގުތައް މައްޗަށް ގޮސްފައިވާއިރު، މީގެ އަހަރުތަކެއްކުރިން އެކުންފުނީގެ ޙިއްޞާގެ އަގު 75 ރުފިޔާއަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަހަކަށް އައިސް، މޯލްޑިވްސް ސްޓޮކްއެކްސްޗޭންޖްގައި އެމްޓީސީސީގެ ޙިއްޞާގެ މުޢާމަލާތްތަކުގެ އަގުތައް މައްޗަށްގޮސް، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައި މިވަނީ، މާލީގޮތުން އެމްޓީސީސީ ފަހަކަށްއައިސް ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންކަން ފާހަގަކޮށްލެވެއެވެ. އެމްޓީސީސީން މަޢުލޫމާތުދެއްވާގޮތުގައި، އެކުންފުނިން ކޮންޓްރެކްޓް އުޞޫލުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު މިހާރު ހުރީ ދެ ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. އަދި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުރި އިންވެސްޓްމަންޓްތަކުގެ ޢަދަދު ވަނީ 400 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.

img:http://s1.psmnews.mv/images/660x400/14817939095330.jpg|ޑްރެޖަރ، މަހާ ޖައްރާފް. މިއީ އެމްޓީސީސީގެ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާނެ އުޅަނދެއް

އެމްޓީސީސީގެ ވިޔަފާރީގައި ހޯދަމުންއަންނަ ކުރިއެރުންތަކަށް ބަލާއިރު، އެކުންފުނިން ވަނީ ބިންހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ޗައިނާގައި ބަންނަމުންދިޔަ ޑްރެޖަރުގެ މަސައްކަތް ނިންމައި މޫދަށްބާލާފައެވެ. 50 މީޓަރު އަޑިން ވެލިނަގައިގެން ބިންހިއްކުމުގެ ޤާބިލްކަން ލިބިފައިވާ މަހާ ޖައްރާފްގެ ނަމުން ނަންދެވިފައިވާ މި ޑްރެޖަރަކީމިވަގުތު ދުނިޔޭގައިއޮތް އެންމެބޮޑު ޑްރެޖަރުކަން ފާހަގަކޮށްލެވެއެވެ. އެމްޓީސީސީން މައުލޫމާތު ދެއްވާގޮތުގައި މޫދަށްބާލައިގެން ކުރުމަށް ހަމަޖެހިފައިވާ ޓެސްޓްތައް ކުރުމަށްފަހު، ޑްރެޖަރު އަންނަ މާރޗް މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ޑްރެޖަރު ރާއްޖެ ގެނައުމަށްފަހު ބިންހިއްކުމުގެ މަޝްރޫއުތައް ފެށުމުން އެމްޓީސީސީގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނޭކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ޙިއްޞާ ވިއްކަން ފެށި ޕަބްލިކް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.