ވިޔަފާރި

އިއްތިޙާދު އެއަރވޭސްގެ އުދުހުންތައް ރާއްޖެއަށް ފުޅާކުރަނީ


އިއްތިޙާދު އެއަރވޭސްއިން ދިވެހިރާއްޖެއަށް ބާއްވަމުން އަންނަ އުދުހުންތައް އިތުރުކުރުމަށް ނިންމައިފިއެވެ.

އިއްތިޙާދު އެއަރވޭސްއާ ޙަވާލާދީ ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިއްތިޙާދު އެއަރވޭސްއިން ދުބާއީ މެދުވެރިކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ ދަތުރުތައް މިއަހަރުގެ ޖުލައި މަހާއި ޑިސެމްބަރުމަހު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލާއިއެކު ހަފްތާއަކު 11 ފްލައިޓް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައެވެ. މިކަމާއި ބެހޭގޮތުން ޕީއެސްއެމާއި މަޢުލޫމާތު ހިއްސާ ކުރެއްވި އިއްތިޙާދު އެއަރވޭސްގެ އޮފިޝަލަކު ވަނީ، އެއަރލައިނުން ދިވެހިރާއްޖެއަށް ބާއްވަމުންގެންދާ އުދުހުންތައް ފުޅާކުރުމަށް ނިންމާފައިވާ ނިންމުން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނޭ ކަމަށެވެ.

އިއްތިޙާދު އެއަރވެސްއިން މިހާރުވެސް ދަނީ ދުވާލަކު އެއް ފްލައިޓް ރާއްޖެއަށް ބާއްވަމުންނެވެ. އިއްތިޙާދު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އިއްތިޙާދު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށިތާ 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ޑިސެމްބަރުމަހު ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިއްތިޙާދު އެއަރވޭސްގެ ކަންޓްރީ މެނޭޖަރު ހަސަން އަލް ހާޝިމީ ވިދާޅުވެފައިވަނީ، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް އިއްތިޙާދު އެއަރވޭސްގެ ޙިއްޞާ ލިބިގެންދިޔަ ކަމަށެވެ. ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި އިއްތިޙާދު އެއަރވޭސްގެ ޙިއްޞާ ބޮޑުކަން ފާހަގަކުރައްވަމުން، ހާޝިމީ ވިދާޅުވީ، ކުރިއަށް އޮތް ތާނގައިވެސް އެ އެއަރލައިނުން ރާއްޖޭގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށެވެ. އިއްތިޙާދު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ކުރުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށްވެސް ހާޝިމީ ވިދާޅުވެފައިވެއެވެ.

އިއްތިޙާދު އެއަރވޭސްއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ 2 ވަނައަށް އެންމެބޮޑު އެއަރލައިނެވެ. އިއްތިޙާދު އެއަރވޭސްގެ އުދުހުންތަކުގައި ޖުމްލަ 126 މަތިންދާބޯޓް ބޭނުންކުރާއިރު، އެ އެއަރލައިނުން ދުނިޔޭގެ 90 މަންޒިލަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެ.