ކުޅިވަރު

ސެކިއުރިޓީއާއި ޓްރާންސްޕޯޓް މިހާރުވަނީ ހަމަޖެހިފައި - ޝަރަފް


މި މަހުގެ 27 ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ކޮލިފައިންގައި ވާދަކުރާ ޓީމްތަކުގެ ސަލާމަތީކަންތައްތަކާއި، ދަތުރުފަތުރުގެ ހުރިހާކަމެއް މިހާރު ހަމަޖެހިފައިވާކަމަށް ވޮލީ ބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބުނެފިއެވެ. 

2018ގެ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެންޓްރަލް ޒޯން ކޮލިފައިންގައި ވާދަކުރަނީ ދިވެހިރާއްޖޭގެ އިތުރުންނޭޕާލާއި އިރާނެވެ. މުބާރާތުގައި ވާދަކުރުމަށް ނޭޕާލް އަދި އިރާންގެ ޓީމް މާލެއައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ. 

މި މުބާރާތުގެ ކަންތައްތައް ހަމަޖެއްސުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލި ހިންގާ ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަރަފް ބުނީ ޓީމްތައް ތިބުމުގެ ހުރިހާކަމަކާއި ސަލާމަތީކަންތައްތަކާއި، ދަތުރުފަތުރުގެ ހުރިހާކަމެއް މިހާރުހަމަޖެހިފައިވާކަމަށެވެ. 

މިގޮތުން ޓީމްތައް ތިބުމަށް ހަމަޖެހިފައިވަނީ ޗަމްޕާސެންޓްރަލް ހޮޓެލްގައިކަމަށާއި، ދަތުރުފަތުރުގެ ހުރިހާކަމެއް ބަލަހައްޓަމުންގެންދާނީ އެމްއެންޑީއެފްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުންކަމަށެވެ. މެޗުތައް ކުޅޭ އިންޑޯ ހޯލާއި، ޓީމްތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން އަބަދުވެސް ހަރަކާތްތެރިވާނެކަމަށާއި، ކޮންމެ ކަމެއްވެސް ހިނގަމުންދާ ގޮތް ވީއޭއެމުން ގާތުން ބަލަމުންދާނެކަމަށްވެސް ޝަރަފް ފާހަގަކުރިއެވެ. 

"މުބާރާތުގެ ހުރިހާކަމެއްވެސްދަނީ ޕްލޭން ކުރިވެގެން، ޓީމްތައް ތިބޭނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި، އެތަނުގައި ކެއުމުގެ ކަންތައްތައްވެސް ހަމަޖެހިފައިވަނީ، އެމްއެންޑީއެފާއި ފުލުހުން ސަލާމަތީކަންތައްތަކާއި ޓްރާންސްޕޯޓްގެ ކަންތައްތައް ބަލަހައްޓާނީ" ކުރީގެ ޤައުމީ ކޯޗު ބުންޏެވެ.

މުބާރާތުގެ ކުރިން އިންޑޯގެ ޗޭންޖިންގ ރޫމާއި އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، އުއްމީދަކީ 25 ގެ ކުރިން ހުރިހާ މަސައްކަތެއް ފުރިހަމަވެގެންދިޔުންކަމަށް އޭނާ ބުންޏެވެ.

މިމަހުގެ 27 ވާ ހުކުރުދުވަހުގެ ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.