ކުޅިވަރު

ވޭން ރޫނީއަށް، ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ ޚާއްޞަ އެވޯޑެއް


މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ޖަހައިދިން ވޭން ރޫނީއަށް ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ ފަރާތުން ޚާއްސަ އެވޯޑެއް ދީފިއެވެ.

ސްޓޯކް ސިޓީއާ ވާދަކުރި މެޗުގެ އިތުރު ވަގުތުގައި ރޫނީ ޖަހައިދިން ގޯލަކީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 250 ވަނަ ގޯލެވެ. މި ގޯލާއެކު ރޫނީ ވަނީ ބޮބީ ޗާލްޓަން މެންޗެސްޓަރ ޔުނައިޓެޑްގައި ހަދާފައިވާ ރެކޯޑް މުގުރާލާފަ އެވެ. މި ރެކޯޑް ރޫނީ މުގުރާލާފައިވަނީ 44 އަހަރު ފަހުންނެވެ. 79 އަހަރުގެ ޗާލްޓަން ބުނެފައިވަނީ ތެދަށް ބުނާނަމަ ބުނެވޭނީ އޭނާ ހަދާފައިވާ ރެކޯޑް މުގުރާލުމަކީ އުފާވާ ކަމެއް ނޫންކަމަށެވެ. އެކަމަކު ރޫނީއަށްޓަކާ އުފާވާކަމަށް ޔުނައިޓެޑްގެ ސައިޓުގައި ޗާލްޓަން ބުނެފައިވެއެވެ. އަދި ރޫނީއަކީ ތާރީޚުގެ ފޮތްތަކުގެ ޖާގަ ޙައްޤު ކުޅުންތެރިއެއްކަމަށްވެސް ބޮބީ ޗާލްޓަން ބުނެފައިވެއެވެ.

ރޫނީއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން އިންގްލޭންޑަށްވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.

ޗާލްޓަން ބުނެފައިވަނީ އުމުރުން 31 އަހަރުގެ ރޫނީ އަކީ އަދި ރިޓަޔަރ ކުރާ ޢުމުރުގެ ކުޅުންތެރިޔެއް ނޫންކަމަށާ އެހެންކަމުން އޭނާ ރިޓަޔަރ ކުރުމުގެ ކުރިން މި ރިކޯޑް އިތުރަށް މައްޗަށް ޖައްސާލާނެކަމަށް ގަބޫލުކުރާކަމަށެވެ.

2004 ވަނަ އަހަރު އެވަރޓަންއިން ރޫނީ ޔުނައިޓެޑަށް ގެންދިޔަ ކޯޗް ސަރ އެލެކްސް ފަރގަސަން ބުނެފައިވަނީ ރޫނީއަށް މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުން ޖާގަ ޙައްޤުކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި، ރޫނީގެ ފަރާތުން އިތުރު ގިނަ ގޯލްތަކެއް ފެންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މިހާރުގެ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނެފައިވަނީ މި ރެކޯޑަކީ އިންގްލޭންޑްގެ އެންމެ ވަރުގަދަ ކްލަބުގެ ރެކޯޑްކަމަށެވެ. އަދި ވޭން ރޫނީއަކީ މިހާރުވެސް ޔުނައިޓެޑްގެ ލެޖެންޑެއްކަމަށް މޮރީނިއޯ ބުންޏެވެ.

ހާއްސަ އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން ރޫނީ ބުނީ މި އެވޯޑް ލިބުނު މީހުންނަކީ ވަރަށް މޮޅު ކުޅުންތެރިންކަމަށާއި، އެކުޅުންތެރިންނާއެކު މި ޝަރަފް ލިބުނުކަމީ ލިބޭ ވަރަށްބޮޑު ފަޚުރެއް އަދި އުފަލެއްކަމަށެވެ.

ރޫނީ ބުނީ ބޮބީ ޗާލްޓަން ފަދަ މޮޅު ކުޅުންތެރިޔަކު ހަދާފައިވާ ރެކޯޑެއް މުގުރާލެވުނުކަމީ މި ރެކޯޑް ހެދުމުން އިތުރަށް އުފާވާކަމެއްކަމަށެވެ.