ލިވަޕޫލްގައި އިތުރު ފަސްއަހަރު މަޑު ކުރުމަށް ފިލިޕޭ ކޯޓިނިއޯ ނިންމައިފިއެވެ. އައު ކޮންޓްރެކްޓްގައި ކޯޓީނިއޯ މިއަދު ސޮއިކުރިއިރު އޭނާގެ މުސާރަ ލިވަޕޫލުން ވަނީ ބޮޑުކޮށްދީފައެވެ. މިހާރު ކޯޓީނިއޯއަކީ ލިވަޕޫލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.
މުސާރައިގެ ގޮތުގައި މިހާރު ކޯޓީނިއޯއަށް ހަފްތާއަކަށް 150،000 ޕައުންޑް ލިބޭނެއެވެ. ބާސެލޯނާއާއި ޕީއެސްޖީން ހޯދަން މަސައްކަތްކުރި ކޯޓީނިއޯ އަލަށް ހެދި ކޮންޓްރެކްޓާއެކު އޭނާ 2022 ވަނަ އަހަރުގެ ނިޔަލަށް އެކްލަބްގައި މަޑުކުރާނެއެވެ. އަދި އެމުއްދަތުގެ ކުރިން އޭނާ ވިއްކާނަމަ ކޯޓީނިއޯގެ ޓްރާންސްފަރ ފީ އެތައް ގޮތަކުން ބޮޑުވެގެންދާނެއެވެ.
"މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ލިވަޕޫލަކީ އަހަންނަށް ވަރަށް ޚާއްސަ ކްލަބެއް، ޚާއްސަކޮށް ކްލަބްގެ ސަޕޯޓަރުން އަހަންނާމެދު ބާއްވާ ގާތްކަން އަހަރެން ފާހަގަކުރަން" އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ކޯޓީނިއޯ ބުންޏެވެ.
24 އަހަރުގެ ކޯޓީނިއޯ 2013ވަނަ އަހަރު އިންޓަރމިލާނުން ލިވަޕޫލާ ގުޅުނީ 8.5 މިލިއަން ޕައުންޑަށެވެ. ލިވަޕޫލަށް ކުޅެދިން 163 މެޗްގައި ކޯޓީނިއޯ ވަނީ 34 ގޯލް އެކްލަބަށް ކާމިޔާބުކޮށްދީފައެވެ.