ލާމު ފާރމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ތައްޔާރުކުރި ގަސްކާނާގެ އުފެއްދުންތައް މިއަދު ރަސްމީކޮށް ތަޢާރަފް ކުރައްވައިފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ބޭއްވެވި ރަސްމިއްޔާތެއްގައި ލާމު ފާރމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ މި އުފެއްދުން ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ.
"އިނބަ" މި ނަމުގައި ލާމު ފާރމާސްއިން ތައްޔާރުކުރި ކާދު ތައާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރ ޝައިނީ ވިދާޅުވީ، ރައްޔިތުން ބާރުވެރިކޮށް ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރެއްވުމަކީ ރައީސް ޔާމިން ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޝައިނީ ވިދާޅުވީ ކޯޕަރޭޓިވްތައް އުފައްދަވައި އަތޮޅުތެރޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ފެށްޓެވި މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ.
މިދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކޯޕަރޭޓިވްތައް ހިންގުމަށް ސަރުކާރުން ވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ކޯޕަރޭޓިވްތަކުން ވަނީ 30 އުފެއްދުމެއް ބާޒާރަށް ނެރެފައެވެ. އިފާޑުގެ އެހީގައި ކޯޕަރޭޓިވްތައް ތަރައްޤީ ކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ މަޝްރޫއު މިއަހަރުގެ ފަހުކޮޅު ނިންމާލުމަށް ހަމަޖެހިފައި އޮތްނަމަވެސް، ކޯޕަރޭޓިވްތައް ތަރައްޤީ ކުރައްވާ، ކުރިއެރުއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިމަހުގެ ތެރޭގައި އިފާޑްގެ ގަވަރނިންގ ކައުންސިލްގެ ޖަލްސާގައި ސަރުކާރުން މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރާނެ. މިހާރު ކޯޕަރޭޓިވްގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާރު ކުރެވެމުންދާ މަސައްކަތަކީ ހުރިހާ ކޯޕަރޭޓިވް ތަކެއްގެވެސް މިހާރު ހަދާފަހުރި ބިޒްނަސް ޕްލޭންތައް ފައިދާވާނެ ގޮތްތަކަށް ހެއްދެވުން. ޕްލޭންތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެނައުމަށް މިނިސްޓްރީގެ މުއައްޒަފުން ޕީއައިޔޫގެ ފަރާތުން އެބޭފުޅުންނަށް ޓެކްނިކަލް އެހީތައް ދެއްވައިގެން ކުރިއަށް ގެންދެވޭނެ." ފިޝަރީޒް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14856862678053.jpg|މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލާމު ފާރމާސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުޙައްމަދު ޒާހިރު ބުނީ، ކޯޕަރޭޓިވްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީއާއި، ސަރުކާރުގެ އިދާރާތަކުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. ޒާހިރު ބުނީ، ލާމު ފާރމާސްއިން ތައްޔާރުކުރި ގަސްކާނާގެ ފުރަތަމަ ސްޓޮކް ފޮނަދޫގެ ދަނޑުވެރިންނަށް ބަހާފައިވާ ކަމަށެވެ.
ކާދު ތައްޔާރު ކުރުމަށް ބޭނުންވާ މެޝިނަރީ އަދި ކުނި އެއްކުރުމަށް ބޭނުންކުރާ ވެހިކަލްއާއި އާލާތްތައް ލާމު ފާރމާސްއަށް ހަދިޔާކޮށްފައިވަނީ، ފިޝަރީޒް މިނިސްޓްރީންނެވެ. ލާމު ފާރމާސް ކޯޕަރޭޓިވް ސޮސައިޓީން މިހާރު އުފައްދަމުންދަނީ 2 ކިލޯ އަދި 5 ކިލޯގެ ކާދު ޕެކެޓެވެ. މި ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ތައްޔާރުކުރާ ކާދަކީ %100 އޯރގަނިކް އެއްޗެކެވެ.