ކުޅިވަރު

ސެންޓްރަލް ޒޯން ކޮލިފައިންގެ ފިރިހެން ޑިވިޝަން މާޗް މަހު ރާއްޖޭގަ


ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ ފިރިހެން ޑިވިޝަންގެ މެޗުތައްވެސް ރާއްޖޭގައި ކުޅުމުގެ ފުރުޞަތު ލިބިއްޖެއެވެ. ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް މިކަން އިއުލާންކުރެއްވީ އިއްޔެ ނިމުނު އަންހެން ސެންޓަރަލް ޒޯން ކޮލިފިކޭޝަންގެ މެޗުތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ރާއްޖޭގައި މިއަހަރު ބޭއްވުމަށް އެސޯސިއޭޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ސެންޓްރަލް ޒޯންގެ 9 ގައުމަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. ރާއްޖެއަށް ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުމާ ގުޅިގެން ޕީއެސްއެމްއާ ވާހަކަދައްކަވަމުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ބަނގްލަދޭޝްގައި ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ނުލިބުނު ނަމަވެސް ރާއްޖޭގައި މިމުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރަން މެޑައްޔަށް ކުރަމުންދާ އުއްމީދުތައް ހަޤީގަތަކަށް ބަދަލުކޮށްލުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

"ރާއްޖެއަށް މިމުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރާއްޖޭގެ ވޮލީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. އެންމެ ދުވަހެއްވެސް ފަހަތަށް ޖެހޭކަށް ދެން ބޭނުމެއް ނޫން. ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ މަސައްކަތް މިއަދުން ފެށިގެން ކުރަން ފަށާނަން. ސެންޓްރަލް ޒޯންގެ ނުވަ ގައުމުގެ ތެރެއިން މަދުވެގެން ހަ ގައުމުން މިމުބާރާތުގައި ބައިވެރިވާނެކަމަށް މިބަލަނީ. މިފެށޭ ހަފްތާގެ ތެރޭގައި ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފަށާގޮތަށްވަނީ ހަމަޖެހިފަ. ޤައުމީ ޓީމް ބޭރުގައި ކޭމްޕް ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން." ލަތީފް ވިދާޅުވިއެވެ.

ބަނގްލަދޭޝްގައި ނިމިގެންދިޔަ ސެންޓްރަލް ޒޯލް ވޮލީ މުބާރާތުގައި ރާއްޖެއަށް ލިބުނީ  3 ވަނައެވެ.

އެމުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނާޕާލާ ވާދަކޮށް ބަލިވީ 3 ސެޓް 1 ސެޓުންނެވެ. 2 ވަނަ މެޗުގައި ރާއްޖެ ބަލިވެފައިވަނީ ކިރްގިސްތާނާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. އަދި އަފްޣާނިސްތާނާ ވާދަކުރި މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ. ލީގު ބުރުގެ އެންމެ ފަހު މެޗުގައި ރާއްޖެ ބަލިވެފައިވަނީ މުބާރާތް ބޭއްވި ޤައުމުކަމުގައިވާ ބަނގްލަދޭޝްއާ ވާދަކޮށް ސީދާ 3 ސެޓުންނެވެ.