ވިޔަފާރި

ސާފު ފައިދާގެ ގޮތުގައި ދިރާގަށް 840 މިލިއަން ރުފިޔާ ލިބިއްޖެ


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން އާއްމުކޮށްފައިވާ އެކުންފުނީގެ 2016 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ މާލީ ބަޔާނަށްބަލާއިރު، 2016 އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު، %10 ކުރިއެރުމެކެވެ.

2016 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ މާލީބަޔާނަށް ބަލާއިރު، މިމުއްދަތުގެ ތެރޭގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2015 އަހަރުގެ 4 ވަނަ ކުއާޓަރާ އަޅާބަލާއިރު %15 ކުރިއެރުމެކެވެ.

ދިރާގުގެ 2016 ވަނަ އަހަރުގެ ވިޔަފާރިއާ ބެހޭގޮތުން ވާހަކަދައްކަވަމުން، ޗީފް ފައިނޭޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ، ގޮންޖެހުންތަކާއިއެކުވެސް މިދިޔަ އަހަރު މާލީގޮތުން ދިރާގުން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްލެވޭކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގަށް ލިބުނު ކާމިޔާބީގެ ފަހަތުގައިވަނީ ކުންފުނީގެ 3ޖީ އަދި 4ޖީ އަދި ފައިބަރ ނެޓްވޯކް ހަރުދަނާކުރުމަށް ކުރެވުނު މުހިއްމު އިންވެސްޓްމަންޓްތަކެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތަށް ފަރުމާކުރި ޕެކޭޖްތައް ރޮބިން ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔައަހަރުގެ 4 ވަނަ ކުއާޓަރުގެ ތެރޭގައި ދިރާގުން ކުރިއަށްގެންދިޔަ އިޖުތިމާއީ ބައެއް ހަރަކާތްތަކަށް ބަލާއިރު، ދިރާގު މޯލްޑިވްސް ރޯޑްރޭސް، ދިރާގު ސްޕެޝަލް ސްޕޯޓްސް މީޓް އަދި ކުޑަކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މި ކުއާޓަރުގެ ތެރޭގައި ދިރާގުންވަނީ ޕާރލޭއާއި ބީމްއާއި ގުޅިގެން ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން "ފޮރ ދަ އޯޝަންސް" ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.