ކުޅިވަރު

ޤައުމީ ފިރިހެން ވޮލީޓީމްގެ ހެޑް ކޯޗަކަށް ޝަރަފް


ޤައުމީ ވޮލީޓީމްގެ ހެޑްކޯޗަކަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ޝަރަފް ހަމަޖައްސައިފިއެވެ.

ހެޑް ކޯޗަކަށް ޝަރަފް ހަމަޖެއްސިކަން ޢިއުލާން ކުރުން އޮތީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޝަރަފްގެ އެސިސްޓެންޓުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ މުޙައްމަދު ސާޖިދާއި އިބްރާހިމް ޝިޔާން ޝަރީފެވެ. ޓީމްގެ ޓްރެއިނަރަކީ ޢަބްދުﷲ ނަޝީދެވެ. އިތުރު އޮފިޝަލެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ނަސީމް ޢަލީއެވެ.

ސެންޓްރަލް ޒޯން ކޮލިފިކޭޝަން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ޓީމްގެ ކޯޗުންނާއި އޮފިޝަލުން އައްޔަންކުރުމަށްފަހު ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވީ މިފަހަރުގެ އަމާޒަކީ މި ފަސްގަނޑުގައި މުބާރާތުގެ ތަށި ބެހެއްޓުމެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ ދިވެހިންނާ ވަރަށް ގާތް އަދި އެހާމެ ކާމިޔާބު މުބާރާތެއް ކަމަށެވެ. މީގެ ކުރިން ކުޅުނު ބައެއް މުބާރާތްތަކުގެ ފައިނަލްގައި ދިވެހި ޓީމް ކުޅެފައިވުމީ މިކަމަށް ޙެކިދޭ ކަމެއް ކަމަށެވެ.

" އަޅުގަނޑުމެން އެކުލަވާލި ކޯޗުންނާއި އޮފިޝަލުންނަކީ ބައިނަލްއަޤްވާމީ ތަޖުރިބާ މިވަގުތު އެންމެ ގިނަ ބޭފުޅުން. މީގެ ކުރިން ކުޅުނު ގިނަ މުބާރާތްތަކުން ރަނގަޅު ކާމިޔާބީތައް ހޯދިއިރު މީގެތެރެއއިން އޮފިޝަލެއް ނެތް މުބާރާތެއް ނެތް. އެހެންކަމުން ރާއްޖެއިން މިވަގުތު ނެގެން އޮތް އެންމެ ތަޖުރިބާހުރި ޓީމް މިފަހަރު ޓީމާއެކު މަސައްކަތްކުރައްވާނެ. " ލަޠީފް ވިދާޅުވިއެވެ.

ޓީމްގެ ކޯޗަކަށް އައްޔަންކުރި މުޙައްމަދު ޝަރަފްބުނީ މީ ތަށްޓަށް ހިފަންވިފަހަރު ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

" ވޮލީ ޓީމްގެ ކޯޗަކަށް އަޅުގަނޑު ހަމަޖައްސުމަށްފަހު އެސޯސިއޭޝަންގެ އިސްބޭފުޅުން އަޅުގަނޑާ މަޝްވަރާ ކުރެއްވި. އަދި ޓީމްގެ އޮފިޝަލުން އައްޔަން ކުރުމުގައި އަޅުގަނޑުގެ ލަފާ ހޯއްދެވި. އެކަމަށްޓަކައި އެސޯސިއޭޝަންގެ އިސް ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ އުއްމީދަކީ މިފަހަރު ތަށްޓާ ހަމަޔަށް ދިއުން. " ޝަރަފް ބުންޏެވެ.

މިބައްދަލުވުމުގައި ވީއޭއެމްގެ ކަލަންޑަރ ޢިއުލާން ކުރުމާއި ބައެއް މުބާެރާތްތަކުގެ ޤަވާޢިދު ބަދަލްވެފައިވާކަން އެސޯސިއޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އަދި މުޅިން އާ ދެ މުބާރާތެއް ފެށުމަށް ތައްޔާރުވަމުން އަންކަންވެސްވަނީ ހާމަކުރައްވަފައެވެ.