ވިޔަފާރި

"މަސްވެރިކަމުގެ ސިނާއަތާމެދު ކުރެވޭ އުއްމީދު ބޮޑު"


މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސައްކަތެކެވެ. މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ދެވަނައަށް އެންމެ ބޮޑު ޙިއްޞާއަދާކުރާ ސިނާޢަތެވެ. މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިއަހަރުގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނޭކަމަށް މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ކުރިއެރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވަން ނިންމަވާފައިވާ މުހިއްމު ބައެއް މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، މިހިނގާ 2017 ވަނަ އަހަރު ވެގެންދާނީ މަސްވެރިކަމުގެ ސިނާޢަތަށާއި މަސްވެރި ޢާއިލާތަކަށް އުފާވެރި އަހަރަކަށް ކަމަށެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން އެންމެ ފާހަގަކޮށްލެވެނީ ދަރަނީގެ މައްސަލަތަކާ ކުރިމަތިލާންޖެހިފައި އޮތް މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގެވުމަށް ނިންމެވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަމަޖެއްސެވިއިރު، މިފްކޯގައި އޮތް ދަރަނި 300 މިލިއަން ރުފިޔާއަށް އަރައެވެ. 

img:http://s4.psmnews.mv/images/660x400/1943.jpg|މާލޭގައި ހުންނަ މިފްކޯ މަސްފިހާރަ- ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މިފްކޯއާ ބެހޭގޮތުން ރިޔާސީ ބަޔާނުގައި ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވީ، އެސް.ޓީ.އޯގެ ދަށަށް މިފްކޯ ބަދަލުކުރެއްވުމުން އެކަމުގެ ހެޔޮ އަސަރު މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު ލިބެމުން އަންނަކަމަށެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި، މަހާއި މަހުގެ އުފެއްދުންތަކުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗަރ ސިނާޢަތަށް ބޭނުންވާ ފިޝްމީލް އުފެއްދެވުމުގެ މަސައްކަތް، ރާއްޖޭގެ 3 ސަރަޙައްދެއްގައި ފަށްޓަވާނޭކަމަށްވެސް ރައީސް ޔާމީން ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

"އެސް.ޓީ.އޯގެ ދަށަށް މިފްކޯ ބަދަލުކޮށް، އެކަމުގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު މިދަނީ ލިބެމުން. ޔޫރަޕުގެ ބޮޑެތި ސުޕަމާކެޓު ޗެއިންތަކަށް ބޭނުންވާ ކޮލިޓީއަށް ފެލިވަރުގެ މަސްފެކްޓްރީ އަޕްގްރޭޑްކޮށް، މިހާރު ވަނީ ބޭރުކުރަން ފަށާފައި. މަސްވެރިން ބާނާ މަސްގަނެ ފިނިކޮށްފައި ބެހެއްޓޭނެ ފެސިލިޓީއެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ޤާއިމުކުރެވޭނެ" ރައީސް ޢަބުދުﷲ ޔާމިން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަށްޓަކައި މި ސަރުކާރުގެ މެނިފެސްޓޯގައި ކުރުމަށް ވައުދުވެފައިވާ ކަންކަން ތަންފީޒުކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ބަނދަރުތައް ހެއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/7734.jpg|މަސްވެރިންތަކެއް މަސް ބޭނުމުގައި - ފައިލް ފޮޓޯ: ޕީއެސްއެމް

ސަރުކާރުން މިހާރު ގއ. ކޫއްޑޫގައި މަސްބަނދަރެއް ހެއްދެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މީގެ އިތުރުން ޅ އަތޮޅު ނައިފަރާއި ހުޅުމާލޭގައި މަސްބަނދަރު ހެއްދެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގެ 4 ސަރަޙައްދެއްގައި މަސްބަނދަރުތައް ޤާއިމްކުރެއްވުމުން އެކަމުގެ ލުއިފަސޭހަކަން މަސްވެރިންނަށް ލިބިގެންދާނޭކަމަށެވެ.

"ރާއްޖޭގެ ހަތަރު ސަރަހައްދެއްގަ މަސް ގަނެ ބަންދުކުރެވޭ ކަހަލަ ފެކްޓްރީތައް އެޅިއްޖެނަމަ މިހާރު ދަތުރުފަތުރަށްދާ ހަރަދު ވަރަށްބޮޑުތަން ކުޑަކުރެވިގެންދާނެ. ޓްރާންސްޕޮޓޭޝަން ކޮސްޓް ކުޑަކުރުމުގެ ވިސްނުމުގައި ހަޤީޤަތުގައި މަސް ބަނދަރުތަކުގެ ތެރެއިން ލާފަ މަސް ފެކްޓްރީތައް ތައްޔާރުކުރުމުގެ ވާހަކަ މި ދައްކަނީ" ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ސިނާޢަތް ޙިއްޞާކުރާ މިންވަރު އިތުރުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.