ވިޔަފާރި

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަތޮޅުގެ ރަށްތަކުގައި ޤާއިމްކުރައްވާފައިވާ ސަރަޙައްދީ އޮފީސްތަކަށް 2016 ވަނަ އަހަރު ބަލައިގަތް ޢާމްދަނީ އިތުރުވެއްޖެއެވެ.

މީރާއިން އާއްމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު އެންމެ ގިނައިން ޢާމްދަނީ ބަލައިގަނެފައިވަނީ އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށިންނެވެ. މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެއޮތޯރިޓީގެ ސަރަޙައްދީ އޮފީސްތަކުން މިދިޔަ އަހަރު ބަލައިގަތް ޖުމްލަ ޢާމްދަނީ އުޅެނީ 65.1 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު މީރާއަށް އެންމެ ގިނައިން ޢާމްދަނީ ބަލައިގަނެފައިވަނީ، އައްޑޫސިޓީ އަދި ހދ. ކުޅުދުއްފުށި އަދި ޏ. އަތޮޅު ފުވައްމުލަކުންނެވެ. މިދިޔަ އަހަރު އައްޑޫ ސިޓީން މީރާއަށް 36.6 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ ސަރަޙައްދީ އޮފީސްތަކުން މިދިޔަ އަހަރު ބަލައިގަތް ޢާމްދަނީގެ ދެބައިކުޅަ އެއްބައެވެ. މިދިޔަ އަހަރު ހދ. ކުޅުދުއްފުށީ ސަރަޙައްދީ އޮފީހުން 12.3 މިލިއަން ރުފިޔާ ބަލައިގަންފައިވެއެވެ. ޏ. އަތޮޅު ފުވައްމުލަކުން ވަނީ 5.9 މިލިއަން ރުފިޔާ ބަލައިގަނެފައެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ލ. ފޮނަދޫގައި ޤާއިމްކޮށްފައިވާ އޮފީހުން 5.6 މިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، ބ. އަތޮޅު އޭދަފުށީ އޮފީހުން 3.5 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ނިލަންދޫ ސަރަޙައްދީ އޮފީހުން ވަނީ 678،074 ރުފިޔާ ބަލައިގަނެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާރޓަރުގައި މީރާއިން ވަނީ ށ.ފުނަދޫ އަދި ގދ. ތިނަދޫގައި މީރާގެ ސަރަޙައްދީ އޮފީހެއް ހުޅުވާފައެވެ. މި ކުއާރޓަރުގައި ށ.ފުނަދޫގައި ހުޅުވި އޮފީހުން 194،294 ރުފިޔާ ލިބިފައިވާއިރު، ތިނަދޫ އޮފީހުން ވަނީ 328،523 ރުފިޔާ ބަލައިގަނެފައެވެ.

މީރާއިން މައުލޫމާތުދެއްވާ ގޮތުގައި ސަރަޙައްދީ އޮފީސްތަކެއް އަތޮޅުގެ ރަށްތަކުގައި ހުޅުވުމުން ދައުލަތަށް ޓެކްސް ދައްކާ ވިޔަފާރިވެރިންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ވަނީ ލިބިފައެވެ. ސަރަޙައްދީ އޮފީސްތައް މެދުވެރިކޮށް ޓެކްސް ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ދެމުންގެންދާކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މީރާގެ ސަރަޙައްދީ އޮފީހެއް ނުވަތަ ފައިސާ ބަލައިގަންނަ މަރުކަޒެއް ހުޅުވުމަކީ މީރާގެ އަމާޒެކެވެ. މިހާތަނަށް މީރާގެ 5 ސަރަޙައްދީ އޮފީހާއި، ފައިސާ ބަލައިގަންނަ 3 މަރުކަޒެއް ވަނީ ހުޅުވާފައެވެ.