މެޗުން މޮޅުވުމުގައި ހުރިހާ ޝުކުރެއް ހައްޤުވަނީ ޓީމުގެ ކުޅުންތެރިންނަށް ކަމަށް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު ގަލޮޅު ދަނޑުގައި ބޫޓާންގެ ތިންޕޫ އެފްސީއާ ކުޅެ ތިން ލަނޑު ސުން ލަނޑުން ވެލެންސިޔާ މޮޅުވި މެޗަށްފަހު އަހުމަދު މުޖްތަބާ ބުނީ މުޅި މެޗްގައިވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މަސައްކަތް ކުރި މަންޒަރުކަމަށާ މެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިން ބޭނުންވެފައިތިބި ވަރު މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ފެނިގެންދިޔަކަމަށެވެ.
"އެންމެ ފުރަތަމަވެސް ﷲ އަށް ހަމްދުކުރަން މިއަދުގެ މެޗުން މި ލިބުނު މޮޅާއެކު. މި މެޗުން މޮޅުވުމުގައި އެންމެ ބޮޑަށް ފެނިގެން އެ ދިޔައީ ކުޅުންތެރިންގެ މަސައްކަތް. މުޅި މެޗްގައިވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މަސައްކަތް ކޮށް މެޗުން މޮޅުވުމަށް ހިތްވަރާއެކު ކުޅެމުންދިޔަ މަންޒަރު. އެހެންވީމަ މިއީ ކުޅުންތެރިންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް" މުޖްތަބާ ބުންޏެވެ.
އޭނާ ބުނީ މިއީ އޭއެފްސީ ކަޕަށް ދިއުމަށް އިތުރަށް އަދި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ހުރިހާވެސް އަމާޒެއް މިވަގުތު ހުރީ އޭއެފްސީ ކަޕުން ޖާގަ ހޯދުން ކަމަށެވެ.
ތިމްޕޫ އެފްސީގެ ކޯޗް ޕަސަންގ ޝެރިންގް ބުނީ އޭނާގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އެއްވަރުވި މެޗަށްފަހު މި މެޗުން މޮޅުވުމުގެ އުއްމީދު ބޮޑުވި ނަމަވެސް މެޗުގެ ފަހުވަގުތު އެ ފުރުޞަތު ގެއްލިގެންދިޔައީކަމަށެވެ. އަދި މުޅި މެޗްގައި ވެލެންސިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ތިންޕޫ އެފްސީގެ ކޯޗް ޕަސަންގ ފާޙަގަކުރިއެވެ.
" އަހަރެންގެ ކުޅުންތެރިންގެ ކުޅުމާމެދު ފަޙްރުވެރިވަން. އެ ކުދިން މި ދަނޑުގައި ވަރަށް ހިތްވަރުކޮށްފި. އެހެންނަމަވެސް ވެލެންސިޔާގެ ފަރާތުން ފެނިގެންދިޔައީ މާ ވަރުގަދަ ކުޅުމެއް. އޭގެ ނަތީޖާއެއްގެ ގޮތުން ވެލެންސިޔާ މެޗުން މޮޅުވެގެން އެ ދިޔައީ " ޕަސަންގ ބުންޏެވެ.
ގްރޫޕް ސްޓޭޖުން ޖާގައެއްހޯދުމަށް ޕްލޭއޮފްގައި ވެލެންސިޔާ ވާދަކުރަން ޖެހޭނީ އިންޑީޔާގެ މޯހަންބަގާން ނުވަތަ ލަންކާގެ ކޮލޮމްބޯ އެފްސީއާއެވެ.