ކުޅިވަރު

ރިވާލްޑޯގެ ދަރިފުޅު ރިވާލްޑީނިއޯ ޔޫރަޕްގެ ކްލަބަކަށް ސޮއިކޮށްފި


ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރިވާލްޑޯގެ ދަރިފުޅު ރިވާލްޑީނިއޯ ރުމޭނިއާގެ ޑައިނަމޯ ބުޗަރެސްޓްއަށް ސޮއިކޮށްފިއެވެ. 

އުމުރުން 21 އަހަރުގެ ރިވާލްޑީނިއޯ ރުމޭނިއާގެ ފުރަތަމަ ޑިވިޜަންގެ ޑައިނަމޯ ބުޗަރެސްޓާ ގުޅިފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މިދިޔަ އަހަރު ކުޅެފައިވަނީ ބްރެޒިލްގެ ދެވަނަ ޑިވިޜަންގެ ކްލަބަކަށެވެ. 8 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. 

ރިވާލްޑީނިއޯގެ ބައްޕަ ރިވާލްޑޯއަކީ ބްރެޒިލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވާ ރިވާލްޑޯ ވަނީ 1999 ވަނަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމުގައި ރިވާލްޑޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.