ކުޅިވަރު

ވީއޭއެމްގެ މާކެޓިންގ ޑިރެކްޓަރަކަށް ޝާފީ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް ވޮލީ ކޯޗު އަދި މަޝްހޫރު ފޮޓޯގްރާފަރު މުހައްމަދު ޝާފީ ހަމަޖައްސައިފިއެވެ. ޝާފީ ވަނީ މީގެ ކުރިން ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމްވެސް އަދާކޮށްފައެވެ. އަދި އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލްޒޯން ކޮލިފައިންގ އިންތިޒާމްކުރި ކޮމިީގައިވެސް ޝާފީ މުޙިއްމު ދައުރެއް އަދާކުރިއެވެ. 

ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ސާފީގެ މައިގަނޑު މަސައްކަތަކަށް ވާނީ އެސޯސިއޭޝަނުން ހިންގާ މުބާރާތްތައް ޕްރޮމޯޓް ކުރުމާއި، ސްޕޯޓަރުންނާ ގުޅިގެން މުބާރާތަކަށް ސަޕޯޓަރުން ވެއްދުމާއި، އެސޯސިއޭޝަނުން ހިންގާ ޑިވޮލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވުންކަމަށެވެ. ލަތީފް ވިދާޅުވީ އެސޯސިއޭޝަންގެ މުބާރާތް ޕްރޮމޯޓް ކުރުމުން އެކަމުގެ ފައިދާ ހަމައެކަނި ކުރާނީ އެސޯސިއޭޝަނަށް ނޫންކަމަށާއި، އެކަމުގެ ފައިދާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށެވެ. އަދި ވޮލީ ޕްރޮމޯޓްވެ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވުމުން އެކަމުގެ ފައިދާ މުޅި ވޮލީ އާއިލާއަށްވެސް ކުރާނެކަމަށް ލަތީފް ވިދާޅުވިއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ގިނަ މަޤާމްތަކަކަށާއި، ޤައުމީ ވޮލީ ޓީމްގެ މަޤާމްތަކަށްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބޭފުޅުން ހަމަޖައްސަވާފައެވެ.