ކުޅިވަރު

ނ.އަތޮޅު ޗެމްޕިއަންކަން މާފަރު ހޯދައިފި


ފަސްޓްލޭޑީ ބަށި ބޯޅަ މުބާރާތުގެ ނ.އަތޮޅުގެ ޗެންޕިއަންކަން މާފަރު ހޯދައިފިއެވެ. 

މިމުބާރާތުގެ ނ.އަތޮޅު ޗެންޕިއަންކަން މާފަރު ހޯދީ ފައިނަލްގައި ހޮޅުދޫއާ ވާދަކޮށް ހަތް ލަނޑުގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގައި ހޮޅުދޫއަށް ހެދުނީ 28 ލަނޑު، 10 ފޯއްޔެވެ.  ޗެންޕިއަންކަން ހޯދި މާފަރު ވަނީ 35 ލަނޑު، 6 ފޯލި ހަދާފައެވެ. ނ.އަތޮޅުގެ ޗެންޕިއަންކަން މާފަރު ހޯދުމާ ގުޅިގެން މާފަރު ވަނީ ޒޯނަށް ކޮލިފައިވެފައެވެ.

މިމުބާރާތުގެ ކުޅުން މިހާރު ތިން އަތޮޅެއްގައި ކުރިއަށް އެބަދެއެވެ. އެއީ ހއ.އަތޮޅާއި، ށ.އަތޮޅާއި ރ.އަތޮޅެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ދެވަނަ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށި މުބާރާތެވެ. އަދި އަނެހެނުންނަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.