ވިޔަފާރި

ދައުލަތުގެ ރިޒާވްއަށް ބޮޑު ކުރިއެރުމެއް


ހުސްވި ޖެނުއަރީމަސް ނިމުނުއިރު ދައުލަތުގެ ރިޒާވް 689 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މަރުކަޒީ ބޭންކުން ޢާއްމުކުރައްވާފައިވާ ޖެނުއަރީމަހުގެ މާލީބަޔާނަށް ބަލާއިރު، ޖެނުއަރީ ނިމުނުއިރު ، ދައުލަތުގެ ރިޒާވް ވަނީ، 689.26 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ޖެނުއަރީމަހު ތެރޭގައި ދައުލަތުގެ ރިޒާވްއަށް ވަނީ 8.2 މިލިއަން ޑޮލަރު އިތުރުވެފައެވެ.

ޖެނުއަރީމަހުގެ ބެލެންޝީޓަށް ބަލާއިރު، އެމްއެމްއޭގެ ރިޒާވް ވަނީ، 267.4 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެމްއެމްއޭގެ ރިޒާވްއަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުވެފައިވެއެވެ.

މާލީ ބަޔާނަށް ބަލާއިރު، ޑިސެމްބަރުމަހު މަރުކަޒީ ބޭންކްގެ ރިޒާވް ހުރީ 231.3 މިލިއަން ރުފިޔާގައެވެ

ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ރަނގަޅު ފައްތަރެއްގައިކަން ފާހަގަކުރައްވާފައެވެ. ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއިއެކު މިއަދު ދައުލަތަށް ލިބެމުން އަންނަ އާމްދަނީ އިތުރުވަމުން އަންނަކަމަށެވެ.

" ގާތްގަނޑަކަށް ދުއިއްސައްތަ މިލިއަން ޑޮލަރު އެބައުޅޭ ޔޫޒަބަލް ރިޒާވްގެ ގޮތުގައި. އޭގެ މާނައަކީ އަޅުގަނޑުމެން ބޭނުންކުރަން އެހާވަރަށް ފައިސާ އެބަހުއްޓޭ. އަދި ކޮބައިތޯ، މިއީ އެތައް ފައިސާއެއް ޖީއެމްއާރަށް ދައްކައި ނިންމާފަ އިނގޭތޯ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އިޤްތިޞާދީގޮތުން ބަލާނަމަ ރާއްޖެ މިއޮތީ ރަނގަޅު ހާލަތެއްގައޭ. ޖެނުއަރީމަހު ފެނިގެން ހިނގައްޖެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނުތަން. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ރެކޯޑެއް." ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުންނެވެ. ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރިކަރަންޓް ޚަރަދު ދަށްވަމުން އަންނަކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.