ބޭންކް އޮފް މޯލްޑިވްސް ކޭޝް އޭޖެންޓުންގެ ނެޓްވާރކާ 200 ވަނަ ކަސްޓަމަރު ގުޅިއްޖެއެވެ.
ބީއެމްއެލްގެ 200 ވަނަ ކޭޝް އޭޖެންޓަކީ ކ. އަތޮޅު ދިއްފުށީގައި ހިންގަމުންދާ ކުންފުންޏެއްކަމަށްވާ، އެޗް.އެސް. ޝެޑޯއެވެ. ބީއެމްއެލްއިން ވަނީ ކޭޝް އޭޖެންޓްގެ ދުއިއްސައްތަވަނަ ކަސްޓަމަރު ފާހަގަކުރުމުގެ ގޮތުން ދިއްފުށީގައި ޚާއްޞަ ޙަފްލާއެއް ބާއްވާފައެވެ.
ކޭޝް އޭޖެންޓަށް ރަމްޒީ ޓޯކަން ޙަވާލުކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރުއްދީނެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ޢާއިޝަތު ނޫރުއްދީން ވިދާޅުވީ، ބީއެމްއެލްއިން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ދެމުން އަންނަ ފައިސާ ނެގުމުގެ ޚިދުމަތަކީ ރައްޔިތުން އެ ޚިދުމަތަކަށް ނުހަނު ބޭނުންވެފައިވާ ޚިދުމަތެއްކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނޭކަމަށް ޢާއިޝަތު ނޫރުއްދީން ވިދާޅުވިއެވެ.
ދުއިއްސަތަވަނަ ކޭޝް އޭޖެންޓް ޙަސަން ޙަބީބު ބުނީ، މި ޚިދުމަތުގެ ސަބަބުން ދިއްފުށީގެ ރައްޔިތުންނަށް ބީއެމްއެލް ކާޑް މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް ލުއިފަސޭހަކަމެއް ލިބޭނޭކަމަށެވެ.
ކޭޝް އޭޖެންޓް ޚިދުމަތަކީ، ބީއެމްއެލްއިން އަތޮޅުތެރޭގައި ދެމުން އަންނަ ފައިސާ ނެގުމުގެ ޚިދުމަތެކެވެ. ފައިސާ ނެގުމުގެ ޚިދުމަތް ދިނުމަށް ބީއެމްލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްރަށުގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިންނެވެ.
ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓް ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާނެގޭނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް ބިއެމްއެލްއިން ފަށާފައިވަނީ 2015ވަނަ އަހަރުއެވެ.