ވިޔަފާރި

"މިއަހަރު ރާއްޖޭގެ އިޤްތިޞާދު %4.7 ކުރިއަރާނެ"


ރާއްޖޭގެ އިޤްތިޞާދު މިއަހަރުގެ ތެރޭގައި %4.7 ކުރިއަރާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، އެމަނިކުފާނުގެ، ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ތެރޭގައި އިންފްލޭޝަން ރޭޓް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓޭނޭކަމަށްވެސް ސަރުކާރުން އަންދާޒާކުރައްވައެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެފައިވަނީ، 2016ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު، %3.9 ކުރިއަރާފައިވާކަމަށެވެ.   މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، %4.6 ކުރިއަރާނެ ކަމަށް ލަފާކުރެއްވޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރު އިންފްލޭޝަން ރޭޓު، އެވްރެޖްކޮށް ހުރީ %0.4 ގައެވެ.   ފާއިތުވެދިޔަ އަހަރުވެސް ތަކެތީގެ އަގު އުފުލެމުންދާ މިންވަރު %2 ދަށުގައި ހިފެހެއްޓިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

" 2017 ވަނަ އަހަރުވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިގެންދާނީ، އިންފްލޭޝަން ރޭޓު %2 އަށްވުރެ ދަށުގައި ބެހެއްޓުމަށް. 2016 ވަނަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. 2017 ވަނަ އަހަރު ނިޔަލަށް 22.2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވިފައިވޭ. އެހެންކަމުން، 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެކަމަށް ބެލެވޭ. 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން %0.5 ގައި. 2016ވަނަ އަހަރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8063 ޔޫ.އެސް. ޑޮލަރުގައި." ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނޭކަމަށް ސަރުކާރުން ލަފާކުރައްވާފައިވަނީ، ޢިމާރާތްކުރުމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަލުވިވާނެކަމަށް ލަފާކުރެވޭތީއެވެ.

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން، ފަތުރުވެރިކަމުގެ ޞިނާޢަތް ފިޔަވައި އެހެން ޞިނާޢަތްތަކުގެ 56 އިންވެސްޓްމަންޓެއް ވަނީ ރަޖިސްޓަރީކޮށްދެއްވާފައެވެ. މި އިންވެސްޓްމަންޓްތަކުން 5 އަހަރު ދުވަހުގެ ތެރޭގައި، 1.5 ބިލިއަން އެމެރިކާ ޑޮލަރު، ފަށާ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވެއެވެ.

މިއަހަރުގެ ތެރޭގައިވެސް ތަރައްޤީގެ ބިޔަ މަޝްރޫޢުރަކަށް ފަންޑުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން ހިންގަވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ އަހަރު ނިމުނުއިރު، 4.8 ބިލިއަން ރުފިޔާގެ 5 ލޯނެއްގައި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ.

 ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢު ފާހަގަކޮށްލެވެއެވެ.