ކުޅިވަރު

މައްޗަންގޮޅިއާއި އދ.ކުނބުރުދޫ ޗެމްޕިއަންކަން ހޯދައިފި


ފަސްޓްލޭޑީ ބަށި ބޯލް ޗެމްޕިއަންޝިޕް، މާލޭ ސިޓީގެ ޗެންޕިއަންކަން މައްޗަންގޮޅި އަދި އދ.އަތޮޅުގެ ޗެންޕިއަންކަން ކުނބުރުދޫ ހޯދައިފިއެވެ. މާލޭ ސިޓީގެ ޗެންޕިއަންކަން މައްޗަންގޮޅި ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ހުޅުމާލެއާ ވާދަކޮށް ތިން ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. 

ދެ އިނިންގްސްގެ ކުޅުން ނިމުނުއިރު ހުޅުމާލެއަށް ހެދުނީ 27 ލަނޑު، 11 ފޯއްޔެވެ. ޗެންޕިއަންކަން ހޯދި މައްޗަންގޮޅި ވަނީ 30 ލަނޑު، 6 ފޯލި ހަދާފައެވެ. މިމުބާރާތުގައި ކ.އަތޮޅު ވަނީ 2 ގުރޫޕަކަށް ބަހާލާފައެވެ. މާލޭ ސިޓީގެ ޓީމްތައް ގުރޫޕް އޭގައި ހިމެނޭއިރު، ކ.އަތޮޅުގެ ގުޅިއާއި މާފުށި އަދި ކާށިދޫ ހިމެނެނީ ގުރޫޕް ބީ ގައެވެ. ގުރޫޕް ބީގެ ޓީމްތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު ލީގުގެ އެއްވަނަ އާ ދެވަނަ ޓީމްގެ މެދުގައި ކުޅޭ ފައިނަލް މެޗުން މޮޅުވާ ޓީމެއް ވާދަކުރާނީ ގުރޫޕް އޭގެ ޗެންޕިއަންކަން ހޯދި މައްޗަންގޮޅިއާއެވެ. ގުރޫޕް ބީގެ ޗެންޕިއަން ޓީމާ މައްޗަންގޮޅި މެޗުން މޮޅުވާ ޓީމް ދަތުރުކުރާނީ ޒޯން ފައިނަލަށެވެ.

މިމުބާރާތުގެ އދ.އަތޮޅުގެ ޗެންޕިއަންކަން ހޯދީ ކުނބުރުދޫއެވެ. ކުނބުރުދޫ ޗެންޕިއަންކަން ހޯދީ ފައިނަލްގައި މަހިބަދޫއާ ވާދަކޮށް އެއް ލަނޑު ތިން ފޯލީގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. މަހިބަދޫއަށް ހެދުނީ 34 ލަނޑެވެ. ކުނބުރުދޫ ވަނީ 35 ލަނޑު، 3 ފޯލި ހަދާފައެވެ.

ޅ.އަތޮޅުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ ހިންނަވަރު ޓީމެވެ. ހިންނަވަރު މިމެޗް ކާމިޔާބުކުރީ ނައިފަރާއި ވާދަކޮށް 8 ލަނޑު، 3 ފޯލީގެ ތަފާތުންނެވެ. މެޗު ނިމުނުއިރު ނައިފަރު ޓީމަށް ހެދުނީ 19 ލަނޑެވެ. ހިންނަވަރު ޓީމުން ވަނީ 27 ލަނޑު، 3 ފޯލި ހަދާފައެވެ. މިއަތޮޅުގެ ޗެންޕިއަން ޓީމް ކަށަވަރުވާނީ މާދަމާ މިދެ ޓީމް ވާދަކުރާ މެޗަށްފަހުއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ދެވަނަ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށި މުބާރާތެވެ. އަދި އަނެހެނުންނަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.