ކުޅިވަރު

ކުޑަކުދިންނަށް ހިންގި ޚާއްސަ ޓީޓީ ކޭމްޕް ނިންމާލައިފި


ޕްލޭ ލާން އެންޑް ފަންގެ ނަމުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން ކުޑަކުދިންނަށް ހިންގި ޚާއްސަ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން ބުނީ މިކޭމްޕަކީ ކުޑަކުދިންގެ މެދުގައި ޓީޓީއަށް އަހުލުވެރި ކުރުވުމާ، ވީހާވެސް ގިނަ ތުއްތުކުދިން ޓީޓީ ކުޅުމަށް ލޯބި ޖެއްސުމުގެ ގޮތުން ކުރިއަށްގެންދިޔަ ކޭންޕްއެއްކަމަށެވެ. މިހާރުވެސް ޓީޓީ އެސޯސިއޭޝަންއިން ކުރިއަށްގެންދާ ވައިޑީޕީ ޕްރޮގްރާމްތަކުގައި ވަރަށް ގިނަ ކުޑަކުދިން ބައިވެރިވަމުން އަންނަކަމަށާ އަދި ސްކޫލްތަކުންވެސް އާ ގިނަ ކުޅުންތެރިންތަކެއް އުފެދެމުން އަންނަކަމަށް ޓީޓީ އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.

 މިކޭމްޕްގައިވަނީ ކުޑަކުދިނަށް ތަފާތު ކުޅިވަރުތަކާ، ޓީޓީއާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެއް ތަނަކުން ގިނަ ކުދިންނާ ދިމާވެ، އެކިއެކި ހުނަރު ދައްކާލުންވެސް މިކޭމްޕްގެ ތެރޭގައި ކުރިއަށްދިޔަކަމަށް އެ އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. ކުޑަކުދިންގެ ހަރަކާތްތަކުގެ އިތުރުން މިކޭމްޕްގައިވަނީ ގައުމީ ޓީމްގެ ކުޅުންތެރިންގެ ހުނަރުތަށްވެސް ދައްކާލާފައެވެ.

 މިއީ ޓީޓީ އެސޯސިއޭޝަންއިން މިއަހަރު ކުރިއަށްގެންދިޔަ ފުރަތަމަ ކޭމްޕެވެ. އެސޯސިއޭޝަންއިންބުނީ މިއަހަރު އަދި މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާކަށެވެ.