ކުޅިވަރު

އެފް.އޭ.އެމްއާ ފުލުހުންނާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި


އެފްއޭއެމުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާ އެފްއޭއެމްއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

 މި އެއްބަސްވުމުގައި އެފް.އޭ.އެމްގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއެވެ. މިއަދު އެފް.އޭ.އެމް ހައުސްގައި އޮތް ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި އެއްބަސްވުމަކީ މިކަމުގެ ސަބަބުން އެފް.އޭ.އެމުން ހިންގާ ޙަރަކާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަމަށެވެ. ޙާއްސަކޮށް އެފް.އޭ.އެމުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކާ އަތޮޅުތަކުގައި ހިންގާ ޙަރަކާތްތަކުގައި ފުލުހުންގެ ފަރާތުން އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

 "މި އެއްބަސްވުމަކީ މާލެއާ ރަށްރަށުގައި ހިންގާ ޝޯޝަލް އަދި އިޖްތިމާޢީ ޙަރަކާތްތަކާ ގަލޮޅު ދަނޑުގަޔާ އަދި ރަށްރަށުގައި ކުރިއަށްގެންދާ ފުޓްބޯޅަ މެޗްތަކުގައި ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާތީ އެކަމުގައި ފުލުހުންނާއެކު ސޮއިކުރެވުނު އެއްބަސްވުމެއް. އަދި ވޭތުވެދިޔަ ތަނުގައި ފުލުހުންގެ ފަރާތުން އެފް.އޭ.އެމަށް ލިބިގެންދިޔަ އެހީތެރިކަން ވަރަށް ބޮޑަށް ފާޙަގަކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޝުކުރު އަދާކުރަން" ބައްސާމް ވިދާޅުވިއެވެ.

 މި އެމްއޯޔޫގައި ސޮއެކުރެއްވުމަށްފަހު ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެފް.އޭ.އެމުން ގޮވާލާ ކޮންމެ ހިނދެއްގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

 "އަޅުގަނޑުމެން ކުރިންވެސް އައީ އެފް.އޭ.އެމުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދެމުން. އަދި މިހާރު މި އެއްބަސްވެވުނު އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކުރިން ދެމުން އައި އެހީތެރިކަމަށްވުރެ ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން" އަހުމަދު ސައުދީ ވިދާޅުވިއެވެ.