ކުޅިވަރު

މާޒިޔާގެ މެއިން ސްޕޮންސަރަކަށް އަނެއްކާވެސް އޭޑީކޭ


މާޒިޔާ ސްޕޯޓްސް ކްލަބްގެ މެއިން ސްޕޮންސަރަކަށް މިއަހަރުވެސް އޭޑީކޭ ކުންފުނި ހަމަޖައްސައިފިއެވެ. 

މިކަމަށްޓަކައި އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔަގެ ފަރާތުން ސްޕޮންސަރ އެއްބަސް ވުމުގައި ސޮއިކުރެއްވީ މާޒިޔާގެ ޖެނެރަލް ސެކެޓްރީ ޢަބްދުލް ވައްޙާބެވެ. އޭޑީކޭ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު އައްފާލެވެ. ވޭތުވެދިޔަ 8 އަހަރު މާޒިޔާއަށް އެކޮގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޭޑީކޭ ކުންފުނިން މާޒިޔާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރި މީ 4ވަނަ އަހަރެވެ. މާޒިޔާގެ ޖެނެރަލް ސެކެޓްރީ ވައްހާބް ވިދާޅުވީ އޭޑީކޭ ކުންފުންޏަކީ ވޭތުވެދިޔަ ދުވަސްތަކުގައި މާޒިޔާއަށް ވަރަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކުންފުންޏެއް ކަމަށާއި އެކަމަށް އެކުންފުނީގެ ޗެއާމަން އަޙްމަދު ނާޝިދަށް ޝުކުރު އަދާކުރާ ކަމަށެވެ. ޖެހިޖެހިގެން ހަތަރުވަނަ އަހަރު މާޒިޔާއާއެކު އެއްބަސްވުމުގައި ސޮކުރުމަކީ އެކުންފުނިން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަމެއް ކަމަށް ވައްހާބް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު އައްފާލްވިދާޅުވީ މާޒިޔާއާއެކު ކޮންމެ އަހަރަކުވެސް ސޮއިކުރަނީ އެކުންފުންޏަށް މާބޮޑު މާލީ ފައިދާތަކެއް ލިބޭތީ ނޫންކަމަށާއި ދިވެހި ކުޅިވަރަށް ޚިދުމަތްތަކެއް ކުރުމުގެ ބޭނުމުގައި ކަމަށް. މި ޚިދުމަތް މާޒިޔާ ނޫނަސް ރާއްޖޭގެ އެހެން ކްލަބްތަކަށާއި ޤައުމީ ޓީމްތަކަށްވެސް ދިނުމަކީ އޭޑީކޭ ހޮސްޕިޓަލުން އަބަދުވެސް ސަމާލްކަން ދެއްވަ ކަމެއްކަމުގައެވެ.

" މާޒިޔާއަކީ ވަރަށްގިނަ އާ ކުޅުންތެރިން އުފައްދަމުން އަންނަ ކްލަބެއް. އެކަމާ އަޅުގަނޑުމެން އުފާކުރަން. އަދި މިކަމުގެ ސަބަބުން ކުންފުނީގެ ބްރޭންޑްތަކަށް އާންމުންދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވޭ. މި އެއްބަސްވުމާއެކު އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް މާޒިޔާއަށް އަބަދުވެސް ކޮށްދޭނަން. " އައްފާލް ވިދާޅުވިއެވެ.

 މި ސީޒަންގެ ފުރަތަމަ މެޗްގައި އަންނަ ބުރާސްފަތި ދުވަހުގެރޭ މާޒިޔާ ނިކުންނާނީ ޗެރިޓީ ޝީލްޑް މެޗްގައި ކްލަބް ވެލެންސިޔާއާ ދެކޮޅަށް.