ޗެރިޓީ ޝީލްޑް މެޗްގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްލައިގެން އޭޝިޔަން ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެ ކުޅޭ މެޗް ބަލައިލުމުގެ ފުރުޞަތު އެފް.އޭ.އެމުން ހުޅުވާލައިފިއެވެ.
އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކްލަބް ވެލެންސިޔާ ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗް ކުޅޭ ގަޑީގައި ފޮޓޯއެއް ނެގުމަށްފަހު "ހޭޝްޓެގް" ޗެރިޓީ ޝީލްޑް ހޭޝްޓެގް އެމް.އޭ.ޒެޑް ވީ.އޭ.އެލް ޖެހުމަށްފަހު އިންސްޓަގްރާމް ކޮށްލައިގެން އޭޝިޔަން ކަޕް ކޮލިފައިންގައި ޤައުމީ ޓީމު ބޫޓާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ފުރަތަމަ މެޗް ބަލަން ދިއުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އިންސްޓަގްރާމް ކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ރަނގަޅު ފޮޓޯއެއް ހޮވާނީ އެފް.އޭ.އެމް ތެރޭގައި ހިމެނޭ ކުޑަ ކޮމެޓީއަކުން ކަމަށް ބައްސާމް ވިދާޅުވިއެވެ. މިދިޔަ އަހަރުވެސް ޤައުމީ ޓީމު ޤައުމުން ބޭރުގައި ކުޅުނު މެޗެއް ބަލައިލުމުގެ ފުރުޞަތު ފޮޓޯ އިންސްޓަގްރާމް ކޮށްގެން ލިބިގެންދިޔައެވެ.. މިއީ އެގޮތުން މިކަން ކުރިއަށްގެންދާ ދެވަނަ އަހަރެވެ.
އޭޝިޔަން ކަޕް ކޮލިފައިންގައި ރާއްޖެ ގައުމުން ބޭރުގައި ޖޫން ތޭރަ ވަނަ ދުވަހު ބައްދަލުކުރަން ޖެހޭނީ ބޫޓާނާއެވެ.