ކުޅިވަރު

އދ.މަހިބަދޫގައި ނެޓްބޯޅަ އެކަޑަމީއެއް ހުޅުވަނީ


އދ. މަހިބަދޫގައި ނެޓްބޯޅަ އެކަޑަމީއެއް ހުޅުވުމަށް ނެޓްބޯޅަ އެސޯސިއޭޝަނާއި މަހިބަދޫ ސްޕޯޓްސް ކްލަބާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނެޓްބޯލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީނާއެވެ. މަހިބަދޫ ސްޕޯޓްސް ކްލަބްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބްގެ ރައީސް އިސްމާޢީލް ފާއިޒެވެ. މި އެއްބަސްވުމުގެ ދަށުން މަހިބަދޫގައި ނެޓްބޯލް ތަރައްޤީ ކުރުމަށް ތަފާތު ގިނަ ކަންކަން ކުރާނެ ކަމަށް އެސޯސިއޭޝަންގެ ރައީސް ޝާޒްލީ ވިދާޅުވިއެވެ. އަދި މަހިބަދޫގައި މިޕްރޮގްރާމް ކުރިޔަށްދާގޮތް ކޮންމެ މަހަކު އެއްފަހަރު އެސޯސިއޭޝަންގެ ޓީމަކުން ބަލަމުން ދާނެ ކަމަށްވެސް ޝާޒްލީ ވިދާޅުވިއެވެ.

" މީ މިގޮތަށް ރަށެއްގެ ޖަމްޢިއްޔާއަކުން ނެޓްބޯލް އެސޯސިއޭޝަނާ ގުޅިގެން ހިންގާ ފުރަތަމަ ޕްރޮގްރާމް. އަޅުގަނޑުމެން އުއްމީދު ކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ރަށްރަށުގެ ކްލަބް ޖަމްޢިއްޔާތަކުން އަޅުގަނޑުމެންނާ ގުޅިގެން މިފަދަ ޕްރޮގްރަމްތައް ހިންގަވަން މަސައްކަތް ކުރައްވާނެ ކަމަށް. މިފަދަ އެއްބަސްވުން ތަކުގެ ސަބަބުން އެރަށްރަށުގައި ނެޓްބޯޅަ ތަރައްޤީ ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ސަބަބަކީ މިކަންކަން ބަލަން އަބަދުވެސް ބަޔަކު ތިބޭނެތީ. " ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް ޝާޒްލީ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14870719984704.jpg|މަހިބަދޫގައި އެކަޑަމީ ހުޅުވުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން - ފޮޓޯ/ޕީއެސްއެމް

މަހިބަދޫ ސްޕޯޓްސް ކްލަބްގެ ރައީސް އިސްމާޢީލް ފާއިޒް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާ ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ. އަދި ކައިރި ރަށްރަށުގެ ކުދިންނަށްވެސް މި ފުރުޞަތު ހުޅުވާލެވި ނެޓްބޯޅަ އިތުރަށް ތަރައްޤީ ކުރުމަށް އެކްލަބުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މި އެކަޑަމީގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މިހާރުވެސް ސަތޭކައެއްހާ ކުދިން ބައިވެރިވެފައިވާ ކަމަށް އިސްމާޢީލް ފާއިޒް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ފުރަތަމަ އިސްކަންދޭނީ މަހިބަދޫގައި ނެޓްބޯޅަ ކުޅުމަށް ޝައުޤުވެރިކަންހުރި ކުދިންނަށް. އަދި މަހިބަދޫއާ ކައިރި ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް. މިފަދަ އެއްބަސްވުމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ފަސޭހަވެގެންދާނެ. މުބާރާތްތައް ބާއްވާ ތަމްރީނުތައް ކުރިޔަށް ގެންސިއުމަށް. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރެއްގައި މިކަން ކުރިޔަށް ގެންދާނަން. " މަހިބަދޫ ސްޕޯޓްސް ކްލަބްގެ ރައީސް ފާއިޒް ވިދާޅުވިއެވެ.

 މަހިބަދޫ ސްޕޯޓްސް ކްލަބުން އަންނަނީ ފުޓްބޯޅަ އެކަޑަމީއެއްވެސް އެރަށުގައި ހިންގަމުންނެވެ. މި ފުޓްބޯޅަ އެކަޑަމީ މަހުބަދޫ ސްޕޯޓްސް ކްލަބުން ހިންގާތާ މީ 2ވަނަ އަހަރެވެ.