ސީޒަނަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމަކީ މާޒިޔާ ކަމުގައިވީނަމަވެސް ދަނޑުމަތީގައި އެކަމަށް ބެލުމެއް ނޯންނާނެކަމަށް ވެލެންސިޔާގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ދިވެހި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝިލްޑް މެޗުގައި މާދަމާ ހަވީރު ލީގު ޗެމްޕިއަން މާޒިޔާ ނިކުންނާނީ އެފް.އޭ ކަޕް ޗެމްޕިއަން ވެލެންސިޔާއާ ދެކޮޅަށެވެ.
މި މެޗަށް ނިކުންނައިރު ވެލެންސިޔާ ފެންނަނީ މިދިޔަ ސީޒނަށްވުރެ ދަށް ސްކޮޑަކާއެކުކަމަށް ބައެއް ފަރާތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އޭ.އެފް.ސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާއެކު އެޤައުމުގައި ކުޅުނު މެޗް އެއްވަރުކޮށް، ރާއްޖޭގައި ކުޅުނު މެޗް 3-0 ން ކުރި ހޯދާ ވެލެންސިޔާ ވަނީ އިތުބާރު ހޯދާފައެވެ.
ވެލެންސިޔާއަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިންމު ބައެއް ކުޅުންތެރިން މި ސީޒަނުގައި އެހެން ބައެއް ކްލަބަތަކަށް ވަނީ ބަދަލުވެފައެވެ. އެގޮތުން ފޯވާޑް ހަސަން އަދުޙަމް(ސަޑޭ)އާއި މިޑްފީޑަރ މުޙައްމަދު އާރިފް(ބަކާ) ވިކްޓަރީއާއި ގުޅުނުއިރު ޑިފެންސާއި، މެދުތެރެ އަދި އަރިމަތިންވެސް ކުޅޭ އަކްރަމް އަބްދުލް ޢަނީ ބަދަލުވީ ކުރިންވެސް އޭނާ ކުޅުނު ނިއުރޭޑިއަންޓަށެވެ.
މާދަމާ ހަވީރު ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ގިނަ އަހަރުތަކަކަށްފަހު ވެލެންސިޔާގެ ކޯޗުކަމާ އަލުން ހަވާލުވި ފެސްކޯ ބުނީ ހުރިހާ ގޮތަކުންވެސް ކުރިޔަށް އޮތް ސީޒަނަށް ރަނގަޅަށް ތައްޔާރުވެފައިވަނީ މާޒިޔާކަމަށެވެ. އެހެންނަމަވެސް ދަނޑުމަތީގައި ކުޅޭ ނުވަދިހަ މިނިޓުގައި ފެންނާނީ މޮޅަށް ކުޅޭ ޓީމް މޮޅުވާތަންކަމަށެވެ.
"މާޒިޔާގަ ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިން އެބަތިބި، ކުރިން ތަމްރީންތައް ފަށައިފި. މާޒިޔާއަކީ ހުރިހާގޮތަކުންވެސް މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމް. އެކަމަކު ދަނޑަށް ކުޅެން އަރުމަށްފަހު އެތަނެއް ނުފެންނާނެ" ފެސްކޯ ބުންޏެވެ.
ކޯޗް ފެސްކޯ ބުނީ ކުރިޔަށް އޮތް މެޗުގައި ވެލެންސިޔާއިން ރަނގަޅު ކުޅުމެއް ދައްކާނެކަމަށާއި، ސަޕޯޓަރުން މާޔޫސްކޮށްނުލާނެކަމަށެވެ.
މާދަމާގެ މެޗަށް ނިކުންނައިރު އޭއެފްސީ ކަޕުގައި ދެ މެޗު ކުޅެފައިވުމަކީ ވެލެންސިޔާއަށް އެޑްވާންޓޭޖަކަށް ވާނެކަމަށް ކޯޗް ފެސްކޯ އުންމީދުކުރެއެވެ. ފެސްކޯ ބުނީ ކުރީގެ މެޗުގައި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިކަމަށާއި، ޓީމަށް މާބޮޑު ބަދަލެއް ނުގެންނާނެކަމަށެވެ.
img:http://s2.psmnews.mv/images/660x400/14871755359817.jpg|މާޒިޔާގެ ކޯޗު ޤަބޫލުކުރާގޮތުގައި ވެލެންސިޔާ ވަރުގަދަ: ފޮޓޯ-ޕީއެސްއެމް
މާޒިޔާގެ ކޯޗް މަރްޔާން ސެކްލުސްވްސްކީ ބުނީ ވެލެންސިޔާއަކީ ރަނގަޅު ޓީމެއްކަމަށާއި، އެކަން އެ ޓީމުން ތިމްޕޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ސާބިތުކޮށްދީފައިވާކަމަށެވެ. ސެކްލުވްސްކީ ބުނީ އޭއެފްސީ ކަޕުގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނުނަމަވެސް އެކަން ފަސޭހަނުވާނެކަމަށެވެ. އެހެންނަމަވެސް ވެލެންސިޔާއިން 3 ގޯލް ޖަހާފައިވުމުން އެ ޓީމްގެ ފެންވަރު ދައްކުވައިދީފައިވާކަމަށް މާޒިޔާގެ ކޯޗް ބުންޏެވެ.
މި ސީޒަނަށް މާޒިޔާގެ ކޯޗްކަމާ ހަވާލުވި ސެކްލުވްސްކީ ބުނީ ވެލެންސިޔާއަކީ މޮޅު ޓީމެއްނަމަވެސް މާޒިޔާއިން ޓީމްގެ ފެންވަރުގައި ކުޅެފިނަމަ މާޒިޔާ މޮޅުވާނެކަމަށެވެ.
"މެޗުގައި އަހަރުމެން ޖެހޭނެ އެންމެ މޮޅު ޓީމަކީ އަހަރުމެންކަން ދައްކަން. ހުރިހާ ކުޅުންތެރިން ޖެހޭނެ އެ ކުޅުންތެރިންގެ އެންމެ މޮޅު ފެންވަރުގައި ކުޅެން. އަހަރެންނަށް ފުދޭނެ އެމީހުންގެ އެންމެ މޮޅު ފެންވަރުގައި އެމީހުން ކުޅެފިނަމަ. އަދި އަހަރުމެން އޭރުން މޮޅުވާނެކަންވެސް ޔަގީން" ސެކްލުވްސްކީ ބުންޏެވެ.
ވެލެންސިޔާއާއި މާޒިޔާ ބައްދަލްކުރާ މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:00 ގައެވެ.