ކުޅިވަރު

މައިލޯކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފި


ކާމިޔާބުކަމާއެކު މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ މިއަދު ނިންމާލައިފިއެވެ. 

17 ސްކޫލަކުން 30 ތިން ޓީމް ބައިވެރިވި މި ފިއެސްޓާ ނިންމުމުގެ ގޮތުން ކުޅެފައިވަނީ ގްރޭޑް 2 އަދި 3ގެ ދަރިވަރުންގެ ފައިނަލް މެޗެވެ. ގްރޭޑް 2ގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލް. ކަލާފާނު ސްކޫލް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްކަންދަރު ސްކޫލާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާއެއް ނުނިކުތުމުން ޖެހި ޕެނަލްޓީގައި ކަލާފާނު ސްކޫލް ކުރި ހޯދީ 4 ލަނޑު2 ލަނޑުންނެވެ. މިއަދު ކުޅުނު 2ވަނަ ފައިނަލްގައި ވާދަކުރީ ގްރޭޑް 3ގެ 2 ޓީމެވެ. އެއީ ބިލަބޮންގް އިންޓަނޭޝަނަލްއާއި ކަލާފާނު ސްކޫލް މިމެޗް ކާމިޔަބުކޮށް ޗެމްޕިއަންކަން ހޯދީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލެވެ. ބިލަބޮންގް މެޗް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މިފަހަރުގެ ފިއެސްޓާގައި 33 ޓީމްގެ މެދުގައި 265 މެޗްވަނީ ކުޅެފައެވެ.

ގާތްގަނޑަކަށް ހަސަތޭކައެއްހާ ކުދިން ބައިވެރިވި މިފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީއެވެ. މިމެޗްތައް ނިމުމުން ފިއެސްޓާގައި ބައިވެރިވި ޓީމްތަކަށާއި ކުޅުންތެރިންނަށްވަނީ މެޑައްޔާއި ޓްރޮފީ ދީފައެވެ. ސޮކަރ ވެޓަރަންސް އެސޯސިއޭޝަނުން މަޢުލޫމާތުދޭ ގޮތުގައި އެ އެސޯސިއޭޝަނުން ދެން ތައްޔާރުވާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކިޑްސް ފުޓްބޯލް ފިއެސްޓާ ބޭއްވުމަށެވެ. އެންމެ ބޮޑު ފިއެސްޓާ ބޭއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެންނެވެ. ސޮކަ ވެޓަރަންސްއިން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 800 އެއްހާ ކުދިން އައްޑޫސިޓީގެ ހުރިހާ ސްކޫލަކުން މި ފިއެސްޓާގައި ބައިވެރިވާނެއެވެ. އައްޑޫ ސިޓީގެ އިތުރުން މިއަހަރު މުޅިން އަލަށް ނ.އަތޮޅުގައިވެސް މި ފިއެސްޓާ ބޭއްވުމުގެ މަސައްކަތް ސޮކަ ވެޓަރަންސްއިންވަނީ ނިންމާފައެވެ.