އިކޮނޮމިކް މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޔޫތު ކެރިއަރ އެކްސްޕޯއަށް ޒުވާނުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެވެ.
ހުޅުމާލޭ ރެހެނދި ސްކޫލްގައި ކުރިއަށްދިޔަ ކެރިއަރ އެކްސްޕޯގައި ރާއްޖޭގެ އިޤްތިޞާދުގައި ނަގާކިޔާ ބޮޑެތި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ޒުވާނުނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ކެރިއާ އެކްސްޕޯ އަކީ މިހާތަނަށް ޒުވާނުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ޙަރަކާތްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި އެކްސްޕޯ ރޭ ނިމުނުއިރު، ފަސްހާހާ ގާތްކުރާ އަދަދަކަށް ޒުވާނުން ޒިޔާރަތްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުން ޖުމްލަ 1000 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވަޒީފާއަށް އެދި 1600 ޒުވާނަކު ރަޖިސްޓްރީކޮށްފަވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ކެރިއަރ އެކްސްޕޯ ނިމުނުކަމުގައިވީނަމަވެސް ފެއާ މެދުވެރިކޮށް ވަޒީފާ ހޯދުމަށް އެދުނު ޒުވާނުނަށް ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުންފުނިތަކާއި ގުޅިގެން ކުރިއަށްގެންދާނެއެވެ. މިގޮތުން އިކޮނޮމިކް މިނިސްޓްރީގެ އެންމެބޮޑު އަމާޒަކީ މިފަދަ ދެވަނަ ފެއާއެއް ފެށުމުގެ ކުރިން ވަޒީފާ ހޯދުމަށް ފުރަތަމަ ރަޖިސްޓަރކުރި ކުދިންނަށް ވަޒީފާ ކަށަވަރުކޮށްދެއްވުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ވަޒީފާގެ ފުރުސަތު ޒުވާނުނަށް ތަނަވަސްކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ޖޮބް ފެއާތައް ބޭއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
ފެއާގައި ތަމްސީލްކުރި ބައެއް ކުންފުނިތަކުން ވެސް ބުނީ، ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފަވާކަމަށެވެ. މިގޮތުން ވަޒީފާތަކަށް އެދި ގިނަ އަދަދެއްގެ ޒުވާނުން އެޕްލިކޭޝަން ފޯމްތައް ހުށަހަޅާފަވާކަން ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ.
ކެރިއާ އެކްސްޕޯއަށް ޒިޔާރަތްކުރި ބައެއް ޒުވާނުން ބުނީ، ސަރުކާރުން މިފަދަ ފެއާއެއް ބެއްވުމުން ޒުވާނުންގެ ކުރިމަގަށް އިސްކަންދެއްވާ މިންވަރު ހާމަވާކަމަށެވެ. މިފަދަ ފެއާތަކީ ޒުވާނުނަށް ވަރަށް ބޭނުންތެރިކަން ކަމެއްކަ ން އެމީހުންވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި ކެރިއަރ އެކްސްޕޯ ފެއާއިން 1000 ވަޒީފާ ޔަގީންވެގެންދާނެއެވެ.