ކުޅިވަރު

ވެލެންސިޔާ އަދި މޯހަންބަގާންގެ ކުރިމަތިލުން އެއްވަރުވެއްޖެ


އޭއެފްސީ ކަޕް ޕްލޭއޮފްގައި ވެލެންސިޔާ އަދި މޯހަން ބަގާން ވާދަކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ޕްލޭއޮފް ފުރަތަމަ ލެގުގައި މިއަދު ވެލެންސިޔާ އާއި އިންޑިއާގެ މޯހަން ބަގާން ވާދަކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުންނެވެ. 

މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މޯހަން ބަގާންއިންނެވެ. މިލަނޑު 6 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޯހަންބަގާންގެ ބިދޭސީ ކުޅުންތެރިޔާ ޑަފީއެވެ. ފުރަތަމަ ހާފްގައި މޯހަން ބަގާންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފޯވާޑް ވެސްޓްއެވެ. ވެލެންސިޔާގެ ލަނޑަށްފަހު ލީޑު ނެގުމަށް ހުސްފުރުސަތެއް އެކްލަބްގެ ނިހާންއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.  ދެވަނަ ހާފްގައި ވެލެންސިޔާއިން ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އަދި މިހާފްގައި މޯހަންބަގާންއަށް މާއެދެވޭ ކުޅުމެއް ނުދެއްކެއެވެ.

 މެޗަށްފަހު ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ ބުނީ މިއީ މޮޅުވުން ހައްޤު މެޗެއްކަމަށާއި މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތަޢުރީފް ކުރާ ކަމަށެވެ.

" ރަނގަޅު ފުރުސަތުތަކެއް ލިބުނު މެޗްގައި ނަތީޖާ ނެރުމަށް. ދެން އޮތީ އުނދަގޫ މަރުހަލާ. މޮޅުވުމަށް ކުރަން ޖެހޭ ހުރިހާ ހިތްވަރެއް ކުރާނަން" ވެލެންސިޔާގެ ކޯޗް އަހުމަދު މުޖުތަބާ ބުންޏެވެ.

 އަމިއްލަ ދަނޑުގައި މޮޅު ނުވެވުމަކީ ކުރިއަށްދިއުމަށް އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށްވެސް އަހުމަދު މުޖުތަބާ ބުންޏެވެ. ނަމަވެސް ދެވަނަ ލެގުގައި އިންޑާގައި ކުޅޭއިރުވެސް މަސައްކަތްކުރާނީ މޮޅުވެގެން ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކަމަށް މިސީޒަނަށް ވެލެންސިޔާއާ ހަވާލުވި ކޯޗް ބުންޏެވެ.