ކުޅިވަރު

ޓީޓީ ޗެމްޕިއަންޝިޕުންވެސް ރަފާ ވިދާލައިފި


އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި، ޑަބަލްސްގައިވެސް ހޯދި ކާމިޔާބީތަކާއެކު ކުރިއަރަމުން އަންނަ ޒުވާން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ޓީޓީ ޗެމްޕިއަންޝިޕުންވެސް ވިދާލައިފިއެވެ.

ރޭ ނިމުނު 26 ވަނަ ޓީޓީ ޗެމްޕިއަންޝިޕްގައި އައިޝަތު ރަފާ ނާޒިމް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޝިއުރާ ޝަރީފާ ވާދަކޮށް 4-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. 18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީވެސް ރަފާއެވެ. އެއީ ފައިނަލްގައި ފައިނަލްގައި ލައިޝާ ފަތުހުﷲ އިސްމާއީލްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. މީގެއިތުރުން ރަފާ ވަނީ 18 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަންވެސް ލައިޝާ ފަތުހުﷲއާއެކު ހޯދާފައެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ރަފާ ހޯދީ މުޙައްމަދު ޒީސްތް ނަސީމާއެކުގައެވެ.

ފުރަތަމަ ޑިވިޝަންގެން އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ޝަފީޤާއި، ފާޠިމަތު ޖުމާނާގެ ޕެއަރއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޒީސްތް ނަސީމެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޑެވްމިތް ވީރުސޭނާއާ ވާދަކޮށް 4-3 ން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލްގައި ބަލިވި ނަމަވެސް ސްރީލަންކާގެ ކުޅުންތެރިޔާ ވަނީ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ.