ކުޅިވަރު

ބީޗް ވޮލީ ކޮމިޝަންގެ ފުރަތަމަ ޗެއަރމަނަކަށް އަބްދުﷲ ނަޝީދު


ބީޗް ވޮލީ ޑިވެލޮޕްމަންޓް ކޮމިޝަންގެ ފުރަތަމަ ޗެއަރމަނަކަށް ޤައުމީ ވޮލީ ޓީމްގެ ޓްރޭނަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ އަބުދުﷲ ނަޝީދު (އަބުޅޯ) ހަމަޖައްސައިފިއެވެ.  

ޤައުމީ ވޮލީ ޓީމަށް ކުރިން ކުޅެ، ޤައުމީ ޓީމްގެ ޓްރޭނަރެއްގެ ގޮތުންވެސް ކުރިން މަސައްކަތްކުރި އަދި މިހާރުވެސް އެމަސައްކަތްކުރަމުން އަންނަ އަބްދުﷲ ނަޝީދަކީ އިންޓަރނޭޝަނަލް ސެޓްފިކެޓް އޮތް ވޮލީބޯޅަ ކޯޗެކެވެ. އޭނާ ވަނީ ވަރަށް ގިނަ ޓެކްނިކަލް ސެމިނަރ ތަކުގައިވެސް ބައިވެރިވެފައެވެ. 

އަބުޅޯ ފާހަގަކުރެވެނީ ރާއްޖޭގެ ވޮލީގައި ޓެކްނިކަލީ އެންމެ ރަނގަޅު އެއް ކޯޗުގެ ގޮތުގައެވެ. 5 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ޗައިނާ އަތުން ދިވެހި ޓީމް މޮޅުވުމުގައިވެސް އަބުޅޯގެ ދައުރު ބޮޑުކަން ވޮލީބޯޅަ އެސޯސިއޭޝަނުން ފާހަގަކުރެއެވެ. 

އަބުދުﷲ ނަޝީދަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބީޗް ވޮލީ ކޯޗެވެ.