ކުޅިވަރު

ރޫނީގެ އޭޖެންޓް ޗައިނާއަށް


ޗައިނާގެ ކްލަބްތަކާއެކު މަޝްވަރާތަށްކުރުމަށް ރޫނީގެ އޭޖެންޓް ޗައިނާޔަށް ގޮއްސިއެވެ.

އިނގިރޭސި މީޑިޔާތަށް ބުނާގޮތުން ޗައިނާގެ ކްލަބްތަކާ މަޝްވަރާކުރިނަމަވެސް ޗައިނާޔަށް ރޫނީ ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ހޯޒޭ މޮރީނިއޯގެ ކޯޗްކަމުގެ ދަށުގައި ވޭން ރޫނީއަށް މި ސީޒަނުގައި ގިނަ މެޗްތަކެއް ކުޅެން ލިބިފައިނުވާއިރު މޮރީނިއޯ ވަނީ ރޫނީ މެންޗެސްޓަރ ޔުނައިޓެޑްގައި މަޑުކުރާނެކަމުގެ ޔަގީންކަން ނެތްކަމަށް ބުނެފައެވެ.

އެކަމަކު އޭނާ ބޭނުންވަނީ ރޫނީ ޔުނައިޓެޑްގައި މަޑުކުރަންކަމަށް މޮރީނިއޯ ބުނެއެވެ.

ބޮބީ ޗާލްޓަން ޔުނައިޓެޑްގައި ހަދާފައިވާ ގޯލް ޖެހުމުގެ ރެކޯޑް ދާދި ފަހުން މުގުރާލާ، ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއަށްވި ރޫނީއަކީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާއެވެ.

އިނގިރޭސި ފުޓްބޯޅަ ދިރާޘާކުރާ ބައެއް ފަރާތްތަކުން ގަބޫލްކުރާގޮތުގައި ރޫނީއަކީ މޮރީނިއޯ އެހާ ބޭނުންވާ ކުޅުނތެރިޔެއް ނޫނެވެ. އެހެންނަމަވެސް މޮރީނިއޯ ރޫނީ ބޭރުކޮށްލަން ބޭނުންވަނީ މަޑުމަޑުން ދުރުކުރަމުން ގޮހެވެ. އެގޮތުން މެޗްތަކުގައި ރޫނީ ކުޅޭ ވަގުތު ފަހަރަކަށްވުރެ ފަހަރެއް މަދުކުރަމުންދިޔުމަކީ މޮރީނިއޯ ގެންގުޅޭ އުކުޅެއްކަމަށް ބައެއް ފަރާތްތަކުން ގަބޫލްކުރެއެވެ.

ރޫނީގެ އޭޖެންޓް ޕޯލް ސްޓްރެޓްފޯޑް ޗައިނާޔަށް ދިއުމަކީ ރޫނީ ދޫކޮށްލުމަށް މޮރީނިއޯ ތައްޔާރަށްހުރިކަން ސާބިތުކޮށްދޭކަމެކެވެ.

އަދި 31 އަހަރުގެ ރޫނީ މިހާރު ޔުނައިޓެޑް ދޫކޮށްނުލިނަމަވެސް މި ސީޒަން ނިމުމުން ރޫނީ ޔުނައިޓެޑް ދޫކޮށްލާނެކަމަށް ވަރަށްބޮޑަށް ވަނީ ބެލެވިފައެވެ.