ކުޅިވަރު

ރަނިއޭރީ މަޤާމުން ދުރުކޮށްފި


ޕްރިމިއަރ ލީގު ހޯދަދިންތާ 9 މަސް ފަހުން ލެސްޓަރގެ ކޯޗް ރަނިއޭރީ މަޤާމުން ދުރުކޮށްފިއެވެ. ނިމިގެންދިޔަ އަހަރު މުޅި ދުނިޔެ ސިއްސުވާލުމަށްފަހު ލެސްޓަރސިޓީއަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދަދިން ކޯޗް ކްލައުޑިއޯ ރަނިއޭރީ މަޤާމުން ދުރުކުރީ މިއަހަރު އެކްލަބް ނެރެމުންދާ ދަށް ނަތީޖާ ސަބަބުންނެވެ. ޕްރިމިއަރ ލީގުގުގެ 17ވަނައިގައި ލެސްޓަރ ސިޓީ މިހާރު އޮތްއިރު މިދިޔަ ހަފްތާގައި އެކްލަބް ވަނީ އެފްއޭކަޕުން ކަޓާފައެވެ. ޗެމްޕިއަންސް ލީގު ދެވަނަ ބުރުން ޖާގަ ހޯދާފައިވީނަމަވެސް ފުރަތަމަ ލެގުން ދެލަނޑު އެއްލަނޑުން ލެސްޓަރވީ ބައްޔެވެ. 

މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދި ކްލައުޑިއޯ ރަނިއޭރީ މަޤާމުން ދުރުކުރިއިރު ލެސްޓަރ ސިޓީ މިހާރު އޮތީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެދާނެކަމުގެ ބިރާއެކުއެވެ. ޕްރިމިއަރ ލީގުގައި ބާކީ 13 މެޗް އޮތްއިރު ގިނަ ފަރާތްތަކަކުން ޤަބޫލްކުރާ ގޮތުގައި ލެސްޓަރ މިހާރު ނެރެމުންދާ ނަތީޖާތަކާއެކު އެކު އެޓީމް ރެލިގޭޓްވުމުގެ ފުރުސަތު ބޮޑެވެ.

ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު ލީގު ހޯދި ޓީމް އެއްކޮށްކަހަލަ ގޮތަކަށް މިހާރުވެސް އެބައޮތެވެ. ނަމަވެސް ސީޒަން ނިމުމަކާއެކު މެދުތެރެއަށް ކުޅުނު ކާންޓޭ ޗެލްސީއަށް ބަދަލުވިއެވެ. އޭގެ ބަދަލުގައި އިތުރު ކުޅުންތެރިންތަކެއް ޗެމްޕިއަން ލެސްޓަރ ސިޓީއާ ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ޤަބޫލްކުރާގޮތުގައި ލެސްޓަރ މިއަހަރު ކުރިމަތިލާން ޖެހުނު ދަށް ނަތީޖާ ތަކުގެ އަސްލަކީ ކާންޓޭ ވިއްކާލުމެވެ. 

އިޓަލީއަށް އުފަން ކްލައުޑިއޯ ރަނިއޭރީ މަޤާމުން ދުރުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ލެސްޓަރގެ މެނޭޖްމަންޓަށް ވަނީ އަމާޒުވެފައެވެ. ކޯޗް ވަކިކުރުމަށްފަހު ލެސްޓަރގެ ވައިސް ޗެއާމަން ބުނީ ކްލަބާ އާ މެނޭޖްމަންޓް ހަވާލުވިފަހުން މިއީ އެމީހުންނެގި އެންމެ އުނދަގޫ ޑިސިޝަންކަމަށެވެ. އަދި ރަނިއޭރީ ކްލަބަށް ކޮށްދިން ޚިދުމަށް ހަނދާނުން ފޮހެނުލެވޭނެކަމަށްވެސް އޭނާ ބުންޏެވެ. ފެބުރުއަރީ 7 ވަނަ ދުވަހު ލެސްޓަރއިން ނެރުނު ބަޔާނެއްގައި ބުނީ ކޯޗްގެ މަޤާމާމެދު ބިރުގަންނަން ނުޖެހޭ ކަމަށާއި ކްލަބް މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ކޯޗަށް ލިބޭނެ ކަމަށެވެ. ނަމަވެސް ރަނިއޭރީ މަޤާޟުން ވަކިކޮށްފައިމމިވަނީ އޭގެ 16 ދުވަސް ފަހުން ކަން ފާހަގަކޮށްލެވެއެވެ. 

 ރެލިގޭޝަނުން ސަލާމަތްވުމަށް ލެސްޓަރ ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައިވާއިރު ޕްރިމިއަރ ލީގުގައި ކުރިއަށް އެޓީމަށް އޮތީ ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.