ކުޅިވަރު

މާލޭ ލީގުގެ ފެށުން މާޒިޔާއިން ރަނގަޅުކޮށްފި


އަސަދުﷲގެ ހަމައެކަނި ގޯލުން މޮޅުވެ މާލޭ ލީގުގެ ފެށުން މާޒިޔާއިން ރަނގަޅުކޮށްފިއެވެ. ކްލަބް އީގަލްސްއާ ވާދަކޮށް މާޒިޔާ އެއްލަނޑު ސުންލަނޑުން ކުރިހޯދިއިރު މެޗްގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. އުމެއިރު ދިން ޕާހަކުން އަސަދުﷲ އަބްދުﷲ މިލަނޑު ކާމިޔާބުކުރީ 53ވަނަ މިނެޓްގައެވެ. 

މެޗަށްފަހު އީގަލްސްގެ ކޯޗް އިހުސާން އަބްދުލްޢަނީ ބުނީ މެޗުން ބަލިވީ ނަސީބު އެހީނުވުމުން ކަމަށެވެ. އަދި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މެޗްގައި ލިބުނު ކަމަށާއި ކުޅުންތެރިން މެޗްގައި ކުރި ހިތްވަރު ފާހަގަކުރާ ކަމަށް އިހުސާން ބުންޏެވެ. މިއީ އީގަލްސް މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އިހުސާން ބުނީ ސީޒަންގެ ފެށުން ރަނގަޅު ކަމަށާއި ދަސްކުރަންވީ ގިނަ ކަންކަން އަދިވެސް އެބަހުރިކަމަށެވެ. އަދި މިއަދު މެޗްގައި މާޒިޔާގެ ތަފާތަކީ އަސަދުﷲއާ އުމެއިރުކަމަށް އިހުސާން ބުންޏެވެ.

" މެޗުގައި ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް. ހަމައެކަނި މައްސަލައަކީ ގޯލެއް ނުޖެހުން. އީގަލްސްއަށް މެޗްގައި ގޯލެއް ޖެހުނު ނަމަ މޮޅުވުމުގެ ފުރުސަތު ބޮޑު" އިހުސާން އަބްދުލްޢަނީ ބުންޏެވެ.

 މާޒިޔާގެ ކޯޗް މަރްޔާން ސެކްލޯސްކީ ބުނީ އެއްލަނޑު ސުންލަނޑުންވިޔަސް ނަތީޖާ ނެރެވުތީ ހިތްހަމަ ޖެހޭ ކަމަށާއި، މިއީ މާޒިޔާއަށް ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށެވެ. 

" މުހިންމީ މެޗް ކާމިޔާބުކުރަން. އަހަންނަށް އޯކޭ އެކެއް ސުމަކުން ހުރިހާ މެޗެއް ނިމުނަސް. މޮޅުވުން މުހިންމީ. މިއީ ރަނގަޅު ފެށުމެއް" ސެކްލޯސްކީ ބުންޏެވެ.

ލީގުގައި މާދަމާ ރޭ ކުޅޭ މެޗްގައި ވާދަކުރާނީ ވިކްޓްރީއާ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ގްރީން ސްޓްރީޓެވެ.