ތަރައްްޤީ

8 ޓާފް ދަނޑު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު


ޗައިނާ ކުންފުންޏަކުން އަޅައިދޭ 8 ޓާފް ދަނޑުގެ އެއްބަސްވުމުގައި އަންނަ މަހުގެ ތެރޭގައި ސޮއިކުރައްވާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. 

ބައްސާމް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެކުންފުނީގެ ބޭފުޅުން ރާއްޖެ ވަޑައިގެން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށާއި، އަށް ދަނޑަކީ ހަތަރު އަހަރުގެ ތެރޭގައި އަޅައިދޭ އަށް ދަނޑުކަމަށެވެ. ބައްސާމް ވިދާޅުވީ މިހާރު އެއްބަސްވެފައިވަނީ އަހަރަކު ދެ ދަނޑު އަޅައި، ދައުރުގެ ތެރޭގައި އަށް ދަނޑު އަޅާ ނިންމަންކަމަށެވެ. ނަމަވެސް ޗައިނާގެ ކުންފުނީގެ ބޭފުޅުން ރާއްޖެ ވަޑައިގެން އިތުރު މަޝްވަރާތައް ކުރައްވައި އަދަދު އިތުރުކުރުމުގެ ފުރުޞަތުވެސް އެބައޮތްކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ދާދި ފަހުން ޗައިނާއަށް ވަޑައިގެން، ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކުރެއްވި މަޝްވަރާތަކަކީވެސް ކާމިޔާބު މަޝްވަރާތަކެއްކަމަށެވެ. ހުރިހާ ރޮނގަކުންވެސް ރާއްޖޭގެ ފުޓްބޯޅައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޗައިނާ އެފްއޭއިން ދެއްވިކަމަށް ބައްސާމް ވިދާޅުވިއެވެ.

" ހުރިހާ ރޮނގަކުންވެސް  ދިވެހި ފުޓްބޯޅަ ކުރިއަރުވަން އެއްބާރުލުން ދެއްވަން ތައްޔާރަށް އޮތީ. އެއީ ޓެކިނިކަލް ގޮތުންކަމުގައި ވިޔަސް، ފައިނޭންޝިއަލީ ވިޔަސް. ޗައިނާ ސަރުކާރުންވެސް ވަރަށްބޮޑަށް ބާރުއަޅާ ރާއްޖޭގެ ފުޓްބޯޅައަށް އެހީވާން. " ބައްސާމް ވިދާޅުވިއެވެ.

ޓީމްތައް ޕްރެކްޓިސް ކުރުމުގައި މިހާރުވެސް ދަތިތައް ކުރިމަތިވެފައިވުމާއެކު އިތުރު ޓާފް ދަނޑުތައް އެޅުމަކީ އެފްއޭއެމްގެ ނިންމެވުމެކެވެ. އެގޮތުން މާފަންން ސްޓޭޑިއަމްގައި އިތުރު ދެ ޓާފް ދަނޑު އެޅުމަށް އެއިދާރާއިން ވަނީ ނިންމަވާފައެވެ.