ފައިނަލަށް ޓީސީ ނިކުންނާނީ ޤައުމަށް ކާމިޔާބު ހޯދަދޭން ކަމަށާއި، މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގާ ގުޅިފައިވާ ފައިނަލެއް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާދަމާ ކޮރެއާގެ ޕޮޗެއޯން އެފްސީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ނިޒާމް ބުނީ މިމުބާރާތް ޓީސީއަށް ކާމިޔާބުކުރެވިއްޖެނަމަ އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ޓީމްތަކުން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ނިޒާމް ފާހަގަކުރިއެވެ. ކްލަބް ލެވެލްގައި ރާއްޖޭގެ އެއްވެސް ކްލަބަކަށް މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތެއް ކާމިޔާބުކުރެވިފައިނުވާއިރު، މިއީ ތާރީޚް ބަދަލުކޮށްލުމަށް ލިބޭ ފުރުސަތެއްކަން ނިޒާމް ފާހަގަކުރިއެވެ.
ފައިނަލްގައި ޕޮޗެއޯން އެފްސީއާ ދެކޮޅަށް ނިކުންނައިރު މިދެޓީމް ގްރޫޕް ސްޓޭޖްގައި ވާދަކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. ނިޒާމް ބުނީ ގްރޫޕް ސްޓޭޖްގައި ދެޓީމް ވާދަކޮށްފައި އޮތުމަކީ އެޑްވާންޓޭޖެއް ކަމަށާއި ކޮރެއާ ޓީމްގެ ކުޅުމާ ގޭމް ޕްލޭން އިނގިގެން މާދަމާ ނިކުންނާނީ މެޗް ކާމިޔާބުކުރަން ކަމަށެވެ.
"ސެމީފައިނަލްގައި ކޮރެއާ ޓީމް ކުޅުނުގޮތްވެސް ބެލިން. ޓީސީގެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް މިމެޗަށް ނިކުންނައިރު ކާމިޔާބުކުރެވޭނެ ކަމުގެ" ނިޒާމް ބުންޏެވެ.
ޓީސީ މިހާ ހިސާބަށް ގެނައުމުގައި ދިވެހި ސަޕޯޓަރުންގެ ދަޢުރު ބޮޑު ކަމަށާއި ދުރުގައި ތިބެގެން ސަޕޯޓަރުން ޓީސީގެ ކުޅުންތެރިންނަށް ކޮންމެ ދުވަހު ދެމުންދާ ހިތްވަރަކީ ފައިނަލަށް ނިކުންނައިރު ކުޅުންތެރިން އިތުރު ހިތްވަރެއް ކުރާނެ ކަމެއް ކަމަށް ނިޒާމް ބުންޏެވެ. ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތުގެ ފައިނަލަށް ޓީސީ ދަތުރު ކުރީ ނޭޕާލްގެ ޗެމްޕިއަން މަނަންގ ބަލިކޮށެވެ. ކޮރެއާގެ ޕޮޗެއޯން އެފްސީ ފައިނަލުން ޖާގަ ހޯދީ ޗިޓަގޮން އަބަހާނީއާ ވާދަކޮށެވެ.
ރާއްޖޭގެ ޓީސީއާ ކޮރެއާގެ ޕޮޗެއޯން އެފްސީ ވާދަކުރާ ފައިނަލް މެޗް ފަށާނީ މާދަމާ ރާއްޖެ ގަޑިން ހަވީރު ފަސްގަޑި ތިރީހުގައެވެ.