ކުޅިވަރު

ބާސެލޯނާ ސްޕެނިސް ލީގް ތާވަލްގެ އެއްވަނައަށް ޖެހިލައިފި


ފަސޭޙަކަމާއެކު ސެލްޓަވީގޯގެ މައްޗަށް ކުރި ހޯދާ ސްޕެނިސް ލީގް ތާވަލްގެ އެއްވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސް ލަނޑު ސުން ލަނޑުންނެވެ. މެޗް ފެށުނީއްސުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާ އުފައްދަމުން ދިޔައީ ބާސެލޯނާއިންނެވެ. ނަތީޖާއެއްގެ ގޮތުގައި މެޗްގެ 24 ވަނަ މިނެޓްގައި ލަޔަނަލް މެސީ ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑް ނަގައިދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 40 ވަނަ މިނެޓްގައި ނޭމަރ ވަނީ މި ލީޑް ބާސެލޯނާއަށް އިތުރަށް ފުޅާކޮށްދީފައެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގައި ބާސެލޯނާއިން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. 

ދެވަނަ ހާފްގެ 12 ވަނަ މިނެޓްގައި ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަކިޓިޗްއެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ފަސްދޮޅަސް އެއްވަނަ މިނެޓްގައި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުމްޓިޓީއެވެ. ބާސެލޯނާގެ ފަހު ލަނޑު ދެވަނަ ހާފްގެ 64ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލަޔަނަލް މެސީއެވެ. 

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލްގެ އެއްވަނާގައި 60 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އެއް މެޗް މަދުން ކުޅެގެން ދެވަނާގައި ރިއަލް މެޑްރިޑް އޮތީ 59 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި ސެލްޓަވީގޯ އޮތީ ތާވަލްގެ ދިހަވަނާގައި 35 ޕޮއިންޓާއެކުއެވެ.