ކުޅިވަރު

"ޓީސީގެ ކާމިޔާބީގެ އަސްލަކީ އެކުވެރިކަމާއި، އެއްބައިވަންތަކަން"


މީގެ 13 އަހަރު ކުރިން އުފެއްދި ޓިސީއަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފުޓްބޯޅައިގައި އެހާ އަޑުގަދަ ނަމެއް ނޫނެވެ. ހެންވޭރުގެ ގޯޅިއެއްގެ ތެރޭގައި 10 ވަރަކަށް ޒުވާނުން އިސްނަގައިގެން އުފެއްދި "ޓްރަސްޓް އެންޑް ކެއާ ސްޕޯޓްސް ކްލަބް" ނުވަތަ ޓީސީ ސްޕޯޓްސް ކްލަބަކީ އޭރު ބައިބަލާ މުބާރާތްތަކަށް އަމާޒު ހިފައިގެން އުފެއްދި ކްލަބެކެވެ.

ޓީސީ އުފެއްދުމުގައި އޭރު ހަރަކާތްތެރިވި ޒުވާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތަކީ މިހާރުގެ ކޮމިޝަނަރ ފޯރ ސްޕޯޓްސް އަޙްމަދު ނަޝީދު (ޑޭވް)އެވެ. 2004ވަނަ އަހަރު ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ކްލަބުން އެންމެ ފުރަތަމަ އަމާޒު ހިފި ބައިބަލާ މުބާރާތުގެ ތަށި އުފުލާލެވުނީ 2011 ވަނަ އަހަރުއެވެ. އޭގެ ކުރިން ބައިބަލާ މުބާރާތުގެ ސެމީ ފައިނަލާއި، ކުއާޓާރ ފައިނަލުގައި އެތައް ފަހަރަކު އެޓީމުން ވާދަކުރިއެވެ.

ޓީސީގެ ބާނީގެ ގޮތުގައި ފާހަގަކުރެވިފައިވާ އަޙްމަދު ނަޝީދު (ޑޭވް) ފާހަގަކުރައްވާ ގޮތުގައި ޓީސީ، ޓީސީގެ ގޮތުގައި ފެނިގެންދާ މައިގަނޑު ސަބަބަކީ އެކަކު އަނެކަކާ މެދު އޮންނަ ގާތްކަމެވެ. އެއްބަނޑު އެއްބަފާ އެއްބައިވަންތަ ބައެއްގެ ގޮތުގައި ކުރިޔަށްދިޔުމުވެ.

"އަޅުގަނޑުމެންގެ ތެރޭގައި އުޅޭނީ، ކޮއްކޮ ބޭބެ ނޫނީ ދައްތަ، އެ ބޮންޑް އަސްލު އެއްޗަކީ، ޓީސީގެ އަބަދުވެސް އެއްޗަކީ އެކަކު އަނެކަކަށް އެއިންނަ ގާތްކަން، އެއީ އަސްލު ޓީސީއަށް ލިބޭ ކާމިޔާބީގެ އަސްލަކީ" ޓީސީގެ ރައީސްކަންވެސް ކުރިން ކުރައްވާފައިވާ ޑޭވް ވިދާޅުވިއެވެ. 

ފުޓްބޯޅައިގެ ތެރެއިން 2005 ވަނަ އަހަރުން ފެށިގެން ޓީސީގެ ޓީމްތައް ފެނެއެވެ. 2011 ގެ ބައިބަލާ ތައްޓާއިއެކު ޓީސީ މެނޭޖްމަންޓްގެ ވިސްނުން ފުޓްބޯޅައަށް ބަދަލްކޮށްލިއެވެ. ދެވަނަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ އަހަރުކަމަށްވާ 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ކޮލިފައިންގައި ވާދަކޮށް ޓީސީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދިއެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި މަދު ކުޅުންތެރިންތަކާއި، ޒުވާން ގިނަ ކުޅުންތެރިންނާއިއެކު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ އަހަރުވެސް ޓިސީން ފުޓްބޯޅައަށް ސިހުމެއް ގެނެސްދިނެވެ. ނަން މަޝްހޫރު ޓީމްތައް ފަހަތަށް ޖައްސާލުމަށްފަހު ޕްރިމިއަރ ލީގުގެ ދެވަނަ ހޯދިއެވެ. އެ އަހަރުގެ ޕްރެޒިޑެންޓްސްކަޕްގެ ސެމި ފައިނަލުގައިވެސް ވާދަކުރިއެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ހުރިހާ މުބާރާތެއްގެ ދެވަނަ ހޯދީވެސް ޓިސީއެވެ. ޕްރިމިއަރ ލީގުގެ ދެވަނައާއި، އެފްއޭކަޕްގެވެސް ދެވަނަ ހޯދިއެވެ. ގައުމީ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރިއެވެ. އަދި މީގެ އިތުރުން 21 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށްވެސް ދެވަނަ ހޯދީ ޓީސީގެއެވެ. 

މިދިޔަ ދެ އަހަރުވެސް އެޓީމުން ފުރަތަމަ ޑިވިޝަންގެ ތައްޓެއް އުފުލާލުން ފިޔަވައި ހުރިހާ ކަމެއް ކުރިއެވެ. ނަން މަޝްހޫރު ކުޅުންތެރިން ގިނަ ޓީމްތައް ބަލިކުރިއެވެ. ބޮޑެތި ޓީމްތައް ސިއްސުވާލިއެވެ. ފައިނަލް މެޗުތަކުގައި ވަރުގަދަ ވާދައެއް ކުރިއެވެ. މި ސީޒަނަށް އެޓީމް ނިކުތްއިރު އަމާޒަކަށްވީ ތައްޓެއް އުފުލާލުމެވެ. ސީޒަނަށް ތައްޔާރުވަމުންދިޔައިރު ކުއްލިއަކަށް ލިބުނު ފުރުސަތުގެ ބޭނުން ޓީސީން މިވަނީ ފުރިހަމަ ގޮތުގައި ހިފާފައެވެ. ފުރަތަމަ ޑިވިޝަންގައި ކިތަންމެ ޅަ ޓީމެއްކަމުގައިވިޔަސް ބުރަ މަސައްކަތުން ކާމިޔާބު ލިބޭނެކަން ދައްކައިދިނެވެ. ފުޓްބޯޅައިގެ ފޯރި އިތުރުވަމުންދިޔަ ދަނޑިވަޅުގައި ޓިސީން މި ފޯރި އެތައް ގުނައެއް އިތުރުކޮށްދީފިއެވެ.

img:http://s2.psmnews.mv/images/660x400/14887766536561.JPG|ޓިސީގެ ކުޅުންތެރިންނަށް ޑޭވް މަރުޚަބާ ކިޔަނީ / ފޮޓޯ : ޕީއެސްއެމް

ޓީސީގެ ބާނީ ޑޭވް ވިދާޅުވީ މުބާރާތުގެ ފުރުސަތު ލިބުމާއިއެކުވެސް ހުރިހާ އެންމެން އަމާޒަކަށްވީ ރަން މެޑަލް ހޯދުމެވެ. އޭނާ ޓީމްގެ ކުޅުންތެރިންނާއި ބައްދަލުކޮށް މަރުޚަބާ އެކިޔަނީ ފަޚުރުވެރިކަމާއިއެކުގައެވެ. ކްލަބް ރައީސްކަމާއި ހަވާލުވެ ފުރަތަމަ ޑިވިޝަންގައި ޓީމް ދެމެހެއްޓުމުގެ ޒިންމާ ކޯޗާއިއެކު ޑޭވް ނެގީވެސް ޓީސީ ދެކެ އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. ކުޅުންތެރިންގެ ޝުކުރުގެ ބަސްތައް ޑޭވްއަށް އަމާޒުވުމުން ހައިރާންވާން ނުޖެހޭ ސަބަބަކީ އެއީއެވެ.

ކުރު މުއްދަތުގެ ތެރޭގައި ޓިސީން ފުޓްބޯޅައަށް އެތައް ކަމެއް ކޮށްދީފިއެވެ. ޅަ ކްލަބްތަކަށްވެސް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ފައިތިލަ ސާބިތުކޮށްލެވޭނެކަން ޔަގީންކޮށްދީފިއެވެ.

ފުޓްބޯޅައި އެންމެ މަތީ ފަންތީގައި ޓީސީ ހޭދަކުރީ އެންމެ ދެ އަހަރެވެ. ތިންވަނަ އަހަރު ރަނގަޅަށް ނުފެށެނީސް އެޓީމުން ސާބިތުކޮށްދީފައިމިވަނީ އަޒުމަކާއިއެކު ކުރިއަށްދާ ބަޔަކަށް ކާމިޔާބު ލިބޭނެކަމެވެ. ހަމަ ޔަގީނުންވެސް ޓީސީ ފުޓްބޯޅައަށް "ސިހުމެއް " ގެނެސްދީފިއެވެ.