ކުޅިވަރު

ވޮލީ ކުރިއެރުވުމަށް ޕީއެސްއެމްއާއި ވޮލީ އެސޯސިއޭޝަން ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާއާއި ވޮލީބޯލް އެސޯސިއޭޝަނާ ދެމެދު ވެވުނު މި އެއްބަސްވުމަކީ މިހިނގާ 2017ވަނަ އަހަރު ވޮލީބޯޅަ ތަރައްޤީކޮށް މީހުން އުފެއްދުމާއި މުބާރާތްތައް ޚަބަރާއި ޕްރޮގްރާމްތަކުގައި މިހާރަށްވުރެ އިތުރަށް ހިމެނުމާއި ދިވެހިރާއްޖޭގައި ވޮލީ އިތުރަށް މާކެޓް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. 

މި އެއްބަސްވުމުގައި ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފްއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. މިރަސްމިއްޔާތުގައި ޚަލީލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް ޕީއެސްއެމުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށާއި ޚާއްސަކޮށް މިއަހަރު ވޮލީބޯޅަ ތަރައްޤީކުރުމަށް ޕީއެސްއެމްގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށް މާކެޓް ކުރާނެކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމީ ވޮލީޓީމް ވާދަކުރާ މުބާރާތްތައް ވަގުތުން ގެނެސްދިނުމާއި ލޯކަލް މުބާރާތްތައް ލައިވްކުރުން ހިމެނޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. ހަމަ އެހެންމެ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ވޮލީ ލައިވް ކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި، ވޮލީއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާވެސް ވާހަކަ ދެކެވެމުން އަންނަ ކަމަށް ޚަލީލް ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވީ މިއެއްބަސްވުމަކީ ރާއްޖޭގައި ވޮލީ ތަރައްޤީކޮށް މީހުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށެވެ. މިއެއްބަސްވުމާއެކު މުޅި ރާއްޖެއަށް ވޮލީބޯޅަ ފަތުރާލުމަށް އެސޯސިއޭޝަނުން ކުރައްވަމުން އަންނަ މަސައްކަތަށް އިތުރުބާރެއް ލިބިގެން ހިނގައްޖެކަމަށެވެ. ޚާއްސަކޮށް މި އެއްބަސްވުމާއެކު ބައިނަލްއަޤްވާމީ މުބާރާތްތައް ވަގުތުން ގެނެސްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ހިނގައްޖެކަމަށް ލަތީފް ވިދާޅުވިއެވެ.



 ޕީއެސްއެމްއާއި ވޮލީބޯޅަ އެސޯސިއޭޝަނާ ދެމެދު ވެވުނު އެއްބަސްވުމާއެކު ވޮލީގެ ގިނަ ޢަދަދެއްގެ މެޗްތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެސްއެމްގެ ޓީވީއެމް ނުވަތަ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ނިންމަވާފައެވެ. އަދި މިއަހަރު ވޮލީ ޕްރޮމޯޓްކޮށް މާކެޓް ކުރުމުގެ ހުރިހާ ޒިންމާއެއް ނަގާނީ ޕަބްލިކް ސަރވިސް މީޑިއާއިންނެވެ.