ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓުވުމަށް ކުރީގެ ބައެއް ރައީސުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ކުށްވެރިކުރައްވައިފިއެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގެންނަވާ ބިޔަ އިންވެސްޓްމަންޓްތައް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރީގެ ބައެއް ރައީސުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްދުދެއްވައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖެ އަންނަ ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށް ކުރީގެ ރައީސުންގެ ތެރެއިން ބައެއް ބޭފުޅުން އިސްކޮށް ތިއްބަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާމެދު ހިތާމަކުރައްވާކަމަށެވެ.
މިނިސްޓަރު ސައޢީދު ވިދާޅުވީ، އަދުގެ ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެންނަވައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާނީ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިސްތިޤްލާލަށް އަސަރުނުކުރާނޭ ގޮތަށްކަމަށެވެ. ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަދުގެ ސަރުކާރަށް ލިބިފައިވާކަމަށާއި، ރާއްޖޭގެ ތަރައްޤީ ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކާއެކު ކުރީގެ ބައެއް ރައީސުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ނުވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަންކުރެއްވި ބައެއް ބޭފުޅުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ސަރުކާރުގެ އިޤްތިޞާދީ މަޝްރޫޢުތައް ހުއްޓުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުށްވެރިކުރައްވާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާވާ ބޮޑެތި ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ވަނީ އެފަރާތްތަކުގެ އެ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ.