ރިޕޯޓް

ދިވެހި ދިދަ - ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒު


ދިދައިގެ ތާރީޚު ފެށިފައިވަނީ އިންސާނީ ތާރީޚް ފެށުނު ހިސާބުންކަމަށް ބުނެވެއެވެ. އެންމެ ފުރަތަމަ ޤަބީލާތަކުގައި މީހުން އުޅުނުއިރުވެސް އެމީހުންނަކީ ކޮން ބައެއްކަން ދައްކުވައިދޭން ހަނގުރާމަތަކުގައި ދިދަ ބޭނުންކުރިއެވެ.

ދިވެހި ޤައުމީ ދިދަ ގެންގުޅެން ފެށުނު ތާރީޚެއް އެނގޭކަށް ނެތެވެ. ނަމަވެސް ދިވެހީން ދިދައިގެ ގޮތުގައި ބޭނުންކުރަމުން އައި ކޮންމެ ދިދައަކަށްވެސް ދިވެހީން ދިޔައީ ހުރުމަތްތެރިކޮށް ހިތަމުންނެވެ.

ދިވެހި ޤައުމީ ދިދަ ގެންގުޅެންޖެހޭ އުޞޫލެއް އެންމެ ފުރަތަމަ ހަމަޖެހިގެންދިޔައީ 1989 ވަނަ އަހަރުގެ މާޗުމަހުގެ ނަވާރަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމަކުންނެވެ. އެދެންނެވުމުގައިވެސް ޤައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތުމަށާއި ޤައުމީ ދިދައަށް އިސްކަންދިނުމަށް އަންގަވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14890383356332.JPG|ދިވެހި ދިދަ

ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާއިބެހޭ އުޞޫލެއް އަލުން ސަރުކާރުން އެކަށައަޅުއްވާ އިއްޔެ ޢާއްމުކުރައްވާފައި މިވަނީ ދިވެހިންގެ މެދުގައި އިސްލާމީ ވަހްދަތާއި ޤައުމީ ރޫޙު އުފައްދައި އަލާކުރުމުގެ ޤައުމީ މަޝްރޫޢު، ތަރިކަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙުކުރައްވައި، އެމަޝްރޫޢު ތަންފީޒުކުރަން ފެއްޓެވިތާ ތިންވަނައަށްވީ ދުވަހުއެވެ.

ސަރުކާރުން ޢާއްމު ކުރެއްވި ޤައުމީ ދިދަ ބޭނުންކުރުމާ ބެހޭ އުޞޫލުގައި ދިދަ ބޭނުންކުރަންޖެހޭ ހަމަތަކާއި މިންތައް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. މިއުޞޫލުގައި ދިދަ ޢާއްމުކޮށް ނަގާފައި ބެހެއްޓޭނެ ތަންތަނާއި ވަގުތާއި ޙާލަތުވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ޚާއްސަ މުނާސަބަތުތަކުގައި ދިދަ ބޭނުންކުރެވޭނެ ގޮތްތައްވެސް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ދިދަފަތި ފަދަ ތަކެތި މަގުމަތީގައި ދަމާއިރު ގެންގުޅުއްވަންޖެހޭ އުޞޫލުތަކެއް ބަޔާންކުރައްވާފައިވެއެވެ. އަދި ބޭނުންކުރަންޖެހޭ ކުލައިގެ ކޯޑާއި ދިދައިގެ މިންތައްވެސް މިޢުޞޫލުގައި ބަޔާންކުރައްވާފައިވެއެވެ.

މިއުޞޫލުގައި ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހައްޓަންޖެހޭ ތަންތަނާއި ވަކި ވަގުތުތަކެއްގައި ދިދަ ނަގާފައި ބަހައްޓަންޖެހޭ ތަންތަން ކަނޑައަޅުއްވާފައިވެއެވެ. އަދި މިނޫން ތަންތަނުގައި އާއްމު ގޮތެއްގައި ދިދަ ނަގާފައި ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދަ ލިޔުމަކުން ހޯދައިގެންކަމަށް މިއުޞޫލުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ރަށްރަށުގައި ހުންނަ ދަޢުލަތުގެ މުޢައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނަގާފައި ހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެއެވެ.

img:http://s3.psmnews.mv/images/660x400/1707.jpg|ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ސަރުކާރުން މިއުޞޫލު ޢާއްމު ކުރެއްވުމުގެ މަޤްޞަދަކީ ދިވެހި ޤައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތުމަށްޓަކައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތާއި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅުއްވައި، އެކަން ތަންފީޒުކުރެއްވުމެވެ. އެއީ ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާތީއެވެ.

ޤައުމީ ދިދައަކީ ޤައުމުގެ ފާހަގައެވެ. ރަމްޒެވެ. ޤައުމަކީ ކޮން ޤައުމެއްކަން ދައްކުވައިދޭ އެއްޗަކީ ޤައުމީ ދިދައެވެ. އެންމެ ފަޞޭޙައިން ޤައުމު ސިފަކޮށްދޭ އެއްޗަކީވެސް ޤައުމީ ދިދައެވެ. ދިވެހި ޤައުމީ ދިދައިގެ މުހިއްމުކަން އެންމެ ބޮޑަށް ހާމަކޮށްދެނީ ޤައުމީ ސަލާމުންނެވެ.  ޤައުމީ ސަލާމުގެ 8 ބައިތުގެ ތެރެއިން ދެބައިތު ޚާއްޞަކުރެވިފައިވަނީ ޤައުމީ ދިދައަށެވެ.