ކުޅިވަރު

މުނި އުފާ ހިންގި ބިން ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކުރައްވައިފި


ހެންވޭރު ޔޫތް ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި މުނި އުފާ ހިންގި ބިން ޔޫތް މިނިސްޓްރީއިން ވަނީ ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކުރައްވާފައެވެ.

"ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާގުޅޭ މުދަލުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ބަދަލުކުރަން ކަނޑައެޅިފައިވާ މުދާ ކަނޑައަޅައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ކުޅިވަރާބެހޭ ވުޒާރާއިން ނަގުލުކޮށް ބަދަލު ކުރަންވާނެ" ކަމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ގައި ބުނެފައިވެއެވެ.

ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ހެންވޭރު ބޯޅަ ދަނޑުކުރިމަތިން މަޖީދީމަގުގައި އޮންނަ ކުރިން ޔޫތް ސެންޓަރު ހިންގި ބިން ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމަށްވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

ގާތްގަނޑަކަށް 10،000 އަކަފޫޓުގެ މި ބިން ސްޕޯޓްސް ކޯޕަރޭޝަނަށް ލިބުން މީ އެ ކޯޕަރޭޝަން ކުރިޔަށް ހިނގައިގަތުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅުގެގޮތުގައި އެ ކޯޕަރޭޝަނުން ދެކިލައްވައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މީ ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރެވުނު ބިމެއްކަމަށެވެ. އަދި ބިމުގެބޭނުންކުރައްވައިގެން ކުޅިވަރު ކުރިއަރުވައި، ކުޅިވަރަށް އިޤްތިސާދީފުދުންތެރިންކަން ގެނުވައިދޭން އެހީތެރިވެދޭވޭނެ ކަމަށް އިރުތިޝާމްއުންމީދުކުރައްވައެވެ.

"ރައީސް ފާހަގަކުރައްވާ އިޤްތިސާދީ ފުދުންތެރިކަން ލިބިގެންނޭ ކުޅިވަރުވެސް އަދި އެހެނިހެން ކަންތައްތައްވެސް ތަރައްޤީ ކުރެއްވޭނީ" އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުޅިވަރު ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށް ގެންދެވުންކަމަށް ވިދާޅުވެފައެވެ.

ކުޅިވަރު ކުރިއެރުވުމައްޓަކައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމް ކުރެއްވުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

ކުޅިވަރު ޤާނޫނުގެ ދަށުން އުފެދިފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައިވާ ވަކި ގާނޫނީ ޝަޙްސެކެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުއްރައްޒާގް އިބްރާހިމް ސިފަކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ ޖުމްލަގޮތެއްގައި ހުރިހާ ކުޅިވަރެއްވެސް ކުރިއެރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.

"ކުޅިވަރު ޤާނޫނުން ލާޒިމްކުރާ އެންމެ މުހިންމު އެއްކަމަކީ ދަޢުލަތުގެ ބިންތަކުގެތެރެއިން ކަނޑައެޅޭ ވަކި ބިންތަކެއް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރެވި، އެބިންތަށް ރަނގަޅުގޮތެއްގައި ޑިވެލޮޕްކުރެވިގެން ކުޅިވަރަށް އެންމެ ފައިދާހުރި ގޮތެއްގައި އެ ބިންތަށް ބޭނުން ހިފުން" ރައްޒާޤް ވިދާޅުވިއެވެ.

ލިބުނު ބިން ތަރައްޤީކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުޅިވަރަށް މަލީ އެހީ ހޯދޭނެ ގޮތްތަކަށް ތަރައްޤީ ކުރެއްވުމަށްކަމަށް ރައްޒާޤް މަޢުލޫމާތުދެއްވިއެވެ.

މިއެއްބަސްވުމަކީ ކުޅިވަރު އެސޯސިއޭޝަންތަށް އަމިއްލަ ފައިމައްޗަށް ދެތުވުމަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގައި ރައްޒާޤް ފާހަގަކުރެއްވިއެވެ. އަދި މިތަނުގައި ކުޅިވަރު ފެސިލިޓީސްވެސް ތަރައްޤީ ކުރެއްވުމަށް އިސްކަންދެއްވާނެކަމަށްވެސް ރާއްޒާޤް މަޢުލޫމާތުދެއްވިއެވެ.